މާލެސިޓީ ކައުންސިލު ހިންގުމަށް އެއްވެސް ދައްޗެއް ނެތް ކަމަށާއި އެކަމަށްޓަކައި ސަރުކާރުން ވެސް ފުރިހަމަ އެއްބާރުލުން ލިބޭ ކަމަށް މާލެސިޓީގެ މޭޔަރު އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.
އިދިކޮޅު އެމްޑީޕީން ހދ. ކުޅުދުއްފުށި ސިޓީގައި އިއްޔެ ބޭއްވި އެޕާޓީގެ ކައުންސިލަރުންގެ ކޮންގްރެސްގައި ވާހަކަ ދައްކަވަމުން ވިދާޅުވީ މާލެ ސިޓީ ކައުންސިލް ހިންގުމުގައި ދަތިވާ އެއްވެސް ކަމެއް ނެތް ކަމާށާއި، ސަރުކާރުން ފުރިހަމަ އެއްބާރުލުމެއް ލިބެމުންދާ ކަމަށެވެ.
މީގެ އިތުރުން މޭޔަރު އާޒިމް ވިދާޅުވީ މާލެސިޓީ ކައުންސިލުގައި އެހީވުމަށް 15 ކޮންސަލްޓެންޓުން ނަގާފައިވާ ކަމާށާއި އޭގެ ތެރެއިން އެކަކު ފިޔަވާ އެންމެންނަކީ އެމްޑީޕީއަށް ނިސްބަތްވާ މެންބަރުން ކަމަށެވެ.
ކަންކަން ކުރުމުގައި ސަރުކާރުގެ އެއްބާރުލުން ލިބޭކަން ފާހަގަކުރައްވާ މޭޔަރު އާޒިމް ވިދާޅުވީ ވަގުތު ދީގެން އެންމެންނާއި ގުޅިގެން ކަންކަން ކުރަމުންދާ ކަމަށެވެ. ޚާއްސަކޮށް ރައްޔިތުންނާ ގުޅުންހުރި ކަންކަމުގައި ސަރުކާރުގެ އެހީތެރިކަން ލިބެމުންދާކަން ވެސް މާލެސިޓީގެ މޭޔަރު ފާހަގަ ކުރެއްވިއެވެ.
މޭޔަރު އާޒިމްގެ ތައުރީފުގެ ބަސްތަކެއް މި ސަރުކާރަށް ނިސްބަތްކޮށް ވިދާޅުވުމުން ކޮންފަރެންސް ރިޔާސަތުގައި އިންނެވި އެމްޑީޕީގެ ޗެއަރޕާސަން ފައްޔާޒު އިސްމާއިލް ވަނީ އާޒިމްގެ ވާހަކަތައް މީސް މީޑިއާގައި ހިއްސާކުރެއްވުމުގެ ކުރިން އެޑިޓް ކުރުމަށް އެދިލައްވާފައިކަން ހާމަވެގެން ދެއެވެ. އެގޮތުން އެމްޑީޕީގެ މެންބަރުންނަށް ކޮންސަލްޓަންޓުންގެ މަޤާމުދޭކަން ފާހަގަކުރައްވާ އާޒިމް ދެއްކެވި ވާހަކަފުޅު އުނިކުރުމަށްވެސް ފައްޔާޒު އެދިވަޑައިގެންނެވިއެވެ. ނަމަވެސް އެމްޑީޕީގެ މި ކޮންފަރެންސް ދިޔައީ ޓީވީ ލައިވް ކުރަމުންކަން އެނގިވަޑައިގަތުމުން ފައްޔާޒުގެ މޫނުމަތިން ނުތަނަވަސްކަން ހާމަވެއެވެ.



