މިމަސް ނިމުމުގެ ކުރީން މާލޭގެ އެކި ސަރަހައްދުގައި ގާއިމުކުރާ ފެން ހިންދާ ނިޒާމުތައް ގާއިމުކުރުމުގެ މަސައްކަތް ނިންމަން މަސައްކަތް ނިންމުމުގެ މަސައްކަތް ކުރަމުންދާކަމަށް ކޮންސްޓްރަކްޝަން އެންޑް އިންފްރާންސްޓަކްޗާ މިނިސްޓްރީން ބުނެފިއެވެ.
ޕީއެސްއެމްގެ ’ރާއްޖެ މިއަދު‘ ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ކޮންސްޓްރަކްޝަން އެންޑް އިންފްރާންސްޓަކްޗާ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އިބްރާހިމް ނަޒީމް ވިދާޅުވީ، މާލޭގައި އެންމެ ފެންބޮޑުވާ ހަ ސަރަހައްދެއްގައި ފެން ބޮޑުވާ ނިޒާމުތައް ގާއިމުކުރާނެ ކަމަށާއި މޫސުން ތަންދޭނަމަ، ރަސްފަންނު ސަރަހައްދުގައި މިރޭ ފެން ހިންދާ ނިޒާމު ގާއިމުކުރުމުގެ މަސައްކަތް ފަށާނެ ކަމަށެވެ.
ނަޒީމް ވިދާޅުވީ މަސައްކަތް ފަށާތާ ހަފްތާއެއް ތެރޭ މަސައްކަތް ނިންމާލެވޭނެ ކަށާއި އެއަށްފަހު، އާޓިފިޝަލް ބީޗު ސަރަހައްދާއި ޕީއެސްއެމް ބިލްޑިން ހުންނަ ސަރަހައްދުގައި އެ މަސައްކަތް ފަށާނެ ކަމަށެވެ.
މީގެއިތުރުން، މިމަސައްކަތް މި މަހުގެ ފަހުކޮޅުގެ ކުރިން ނިންމާލެވޭނެކަމަށް ލަފާކުރެވޭކަމަށް ވެސް ނަޒީމް ވިދާޅުވިއެވެ.
”އަޅުގަނޑުމެން ލަފާކުރަނީ ގާތްގަނޑަކަށް މި މަހުގެ ފަހުކޮޅާ ހަމައަށް ދާންވާއިރަށް އިރާދަކުރެއްވިއްޔާ މިހުރިހާ ޓްރެންޗްތަކުގެ ނިމިގެންދާނެ ކަމަށް. ދެން ހަމައެއާ އެއްކޮށް، ފެން ހިންދާ މާލޭގައި ވަށައިގެން ހުންނާނެ 14 ޕަންޕު. އެ 14 ޕަންޕު އަބްގްރޭޑު ކުރުމުގެ މަސައްކަތް ވެސް ދަނީ ކުރެވެމުން“ އޭނާ ވިދާޅުވިއެވެ.
މާލޭ މަގުތަކުގައި ހުރި ކާނުތައް ބެދިފައި ހުރިކަން ފާހަގަކުރައްވާ ނަޒީމް ވިދާޅުވީ އެ ކާނުތައް ބެދިފައި ހުރީ ކޮންކްރީޓް ކުނި އެޅުމުގެ ސަބަބުން ކަމަށާއި އެ ތަންތަން ސާފުކޮށް މެއިންޓެއިން ކުރުމުގައި އިހުމާލުވެފައިވާ ކަމަށެވެ.
ބޯކޮށް ވާރޭ ވެހިއްޖެނަމަ މާލޭގެ މަގުތަކުގައި ފެންބޮޑުވެ، އާންމުންނަށް ވަރަށް ބޮޑެތޮ ގެއްލުންތައް ކުރިމަތިވެއެވެ. މިފަދައިން ފެން ބޮޑުވާއިރު، ބައެއް ސަރަހައްދުތަކުގައި ފޫޓަކަށް ވެސް ފެންބޮޑުވެއެވެ. މިކަމަށް ހައްލެއް ހޯދައިދިނުމުގެ ގޮތުގައި ސަރުކާރުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.
އެގޮތުން މިމަސައްކަތުގެ ސަބަބުން ވެސް އައިޖީއެމްއެޗް ފަދަ ސަރަހައްދުތަކުގައި ފެންބޮޑުވުން ވަނީ ކުޑަވެފައެވެ.



