މިއަހަރުގެ ޖެނުއަރީ މަހުން ފެށިގެން ސެޕްޓެމްބަރު މަހުގެ ނިޔަލަށް މުދަލު ޒަކާތުގެ ގޮތުގައި 82.5 މިލިއަން ރުފިޔާ ލިބިއްޖެއެވެ.
މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީން އާއްމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މި އަހަރުގެ ސެޕްޓެންބަރު މަހުގެ ނިޔަލަށް މީރާއަށް ވަނީ 8.2 މިލިއަން ރުފިޔާ މުދަލު ޒަކާތުގެ ގޮތުގައި ލިބިފައެވެ. މިދިޔަ އަހަރާއި އަޅާބަލާއިރު، މިދިޔަ އަހަރުގެ އެމުއްދަތުގައި ލިބިފައި ވަނީ 70 މިލިއަން ރުފިޔާއެވެ.
މީގެއިތުރުން، ހުސްވި ސެޕްޓެމްބަރު މަހު އެކަނި މުދަލު ޒަކާތުގެ ގޮތުގައި 7 މިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ ހުސްވި އަހަރުގެ މިމުއްދަތާއި އަޅާބަލާއިރު، ހަތަރު ގުނަ އިތުރުވުމެއްކަން ފާހަގަކުރެވެއެވެ.
ރާއްޖޭގައި މުދަލު ޒަކާތުގެ ނިޞާބުގެ މިންވަރު ކަނޑައަޅަނީ ރިހީގެ އަގަށް ބަލައިގެން އިސްލާމިކް މިނިސްޓްރީންނެވެ. އެގޮތުން އެމިނިސްޓްރީން މިދިޔަ މެއި މަހުގެ ތެރޭގައި ވަނީ ނިޞާބުގެ މިންވަރަށް ބަދަލު ގެނެސްފައިވާއިރު، މިހާރު މުދަލު ޒަކާތް ވާޖިބުވާ ނިޞާބުގެ މިންވަރަކީ ދިވެހި ރުފިޔާއިން 9353.40 އެވެ.



