އިންތިޚާބުތަކާއިބެހޭ ހުރިހާ ޤާނޫނުތަކެއް އެއްކޮށްލަން މަޝްވަރާކުރަމުންދާކަމަށް އިލެކްޝަން ކޮމިޝަންގެ ރައީސް ފުވާދު ތައުފީގު ވިދާޅުވެއްޖެ އެވެ.
ޕީއެސްއެމްއަށް ދެއްވި އިންޓަވިއުއެއްގައި ވާހަކަދައްކަވަމުން ފުވާދު ވިދާޅުވީ އިންތިޚާބުތަކާ ބެހޭ ޢާންމު ޤާނޫނާއި، ރިޔާސީ އިންތިޚާބާ ބެހޭ ގާނޫނާއި، ރައްޔިތުންގެ މަޖިލީހުގެ އިންތިގާބާ ބެހޭ ގާނޫނުގެ އިތުރުން ލޯކަލް ކައުންސިލްތަކުގެ އިންތިހާބާ ބެހޭ ގާނޫނު އެއްކޮށްލުމުގެ ވިސްނުން ގެންގުޅޭ ކަމަށާއި ހުރިހާ ގާނޫނެއް މުތާލިއާ ކުރުމަށް ފަހު، އެއްކޮށްލަން ކޮމިޝަންގެ މެންބަރުންނާއި ގާނޫނީ ޓީމާއެކު މަޝްވަރާ ކުރަމުންދާ ކަމަށެވެ.
ގާނޫނުތައް ވަކިން ހުރުމުގެ ސަބަބުން ޢާންމު ރައްޔިތުންނަށް ވެސް ބައެއް ކަންކަމުގައި އޮޅުން އަރާކަން ފާހަގަކުރުމަށްފަހު ފުވާދު ވިދާޅުވީ އެއް ގާނޫނަކުން ހުރިހާ ކަމެއް ފެންނަން ހުރުމުން އެއް ހަމައަކުން ކަންކަން ކުރުމަށް އީސީ އަށް ވެސް ފަސޭހަވާނެ ކަމަށެވެ.
”ކޮންމެ ދައުރެއްގެ ފަސް އަހަރުގެ ތެރެއިން ތިން އަހަރަކީ އިންތިޚާބުތައް އޮންނަ އަހަރުތަކެއް. އެ ތިން އަހަރުގައި އިންތިޚާބުތަކުގެ މަސައްކަތްތައް މި ކުރަނީ،“ ފުވާދު ވިދާޅުވި އެވެ.
”ދެން އޮންނަ ދެ އަހަރު މި ކުރަން ޖެހެނީ ގާނޫނުތަކާއި ސްޓާފުން ތަމްރީންކުރުމުގެ މަސައްކަތް.“ އޭނާ އިތުރަށް ވިދާޅުވިއެވެ.
މީގެއިތުރުން، 2026 ވަނަ އަހަރު ބާއްވަންޖެހޭ އިންތިޚާބުތަކުގެ ކުރިން މިހާރު ހުރި ގާނޫނުތަކަށް އިސްލާހެއް ގެންނަން ޖެހޭ ނަމަ އެކަންކޮށް، އަލަށް ގާނޫނެއް ހަދަން ޖެހޭ ނަމަ އެމަސައްކަތްތައް ވެސް ކުރައްވާނެ ކަމަށް ފުވާދު ވިދާޅުވިއެވެ.
ގާނޫނުތައް އެއްކޮށްލުމުގެ ވިސްނުން ގެންގުޅޭކަމަށް އީސީން ވިދާޅުވެފައިވާއިރު، އެކޮމިޝަނުން ވަނީ ބައެއް ގާނޫނުތައް އިސްލާހު ކުރުމުގެ މަސައްކަތް ވެސް ފައްޓާފައެވެ. އެގޮތުން 10،000 މެންބަރުން ހަމަނުވާ ޕާޓީތަކަށްވެސް ދައުލަތުގެ ބަޖެޓުން ފައިސާ ލިބޭ ގޮތަށް ޤާނޫނު އިސްލާހުކުރުމަށް ވެސް އެކޮމިޝަނުން ވަނީ މިހާރު ހުށަހަޅައިފައެވެ.




