ބައިނަލްއަޤްވާމީ ގޮތުން ފާހަގަ ކުރާ ކާރިސީ ހިރާސްތައް ކުޑަކުރުމުގެ ދުވަހާ ގުޅުވައިގެން ފެނަކައިން ފުވައްމުލަކު ސިޓީގައި ޚާއްސަ ހަރަކާތެއް އިއްޔެ ކުރިއަށް ގެންގޮސްފިއެވެ.
ފެނަކައިން ބުނީ، ފުވައްމުލަކު ސިޓީގެ ފެނަކަ ބްރާންޗުގެ މުވައްޒަފުންނާއި އެ ސިޓީގެ މުވައްސަސާތަކުގެ ބައެއް ބޭފުޅުންނަށް ޚާއްސަކޮށް، އެމްއެންޑީއެފްގެ ފަޔަރ އެންޑް ރެސްކިޔުއާއި ގުޅިގެން ކުއްލި ޙާލަތްތަކަށް ތައްޔާރުވާނެ ގޮތުގެ މުހިންމު މަޢުލޫމާތުތަކެއް އިއްޔެގެ އެ ސެޝަންގައި ރައްޔިތުންނަށް ފޯރުކޮށްދީފައިވާނެ ކަމަށެވެ. އޭގެތެރޭގައި އަލިފާން ނިއްވާނެ ގޮތް ދަސްކޮށްދޭ ބޭސިކް ޓްރެއިނިންއެއްވެސް ކުރިއަށް ދިޔަ ކަމަށް ފެނަކައިން ބުންޏެވެ.

ކުއްލި ޙާލަތްތަކަށް ތައްޔާރުވުމަށް މުވައްޒަފުންނަށް ބޭނުންވާނެ ޢަމަލީ ތަމްރީނު ދިނުމަށްޓަކައި، އެމްއެންޑީއެފްއާއެކު ފެނަކައިން ވަނީ މަޝްވަރާތަކެއް ކޮށްފައެވެ. އަދި ކުރިއަށް އޮތް އަހަރު ދުވަހަށް ބަހާލައިގެން މިފަދަ ތަމްރީނުތައް ކުރިއަށް ގެންދިޔުމަށް އެމްއެންޑީއެފްއާއެކު އެމްއޯޔޫއެއްގައި ސޮއި ކުރުމުގެ މަސައްކަތް ވެސް ކުރަމުންދާ ކަމަށް ފެނަކައިން ބުނެފައިވެއެވެ.




