އިންޑިއާގެ މަޝްހޫރު ސިޔާސީ ލީޑަރެއްކަމަށްވާ ބާބާ ސިއްދީގީގެ މަރަށްފަހު، މަޝްހޫރު ބޮލީވުޑް އެކްޓަރު ސަލްމާން ޚާންގެ ސެކިއުރިޓީ ވަރުގަދަ ކޮށްފިއެވެ.
މިދިޔަ ހޮނިހިރު ދުވަހު ބާބާ ސިއްދީގެ ގަޔަށް ބަޑިޖަހައި މަރާލި ޚަބަރު ވެގެންދިޔައީ މުޅި އިންޑިއާ ސިއްސުވާލި ޚަބަރަކަށެވެ. އަދި އޭނާއަށް ދިން މިހަމަލާއަކީ އިންޑިއާގެ ނަންމަޝްހޫރު ގޭންގަކަށް ނިސްބަތްވާ ލޮރެންސް ބިޝްނޯއީ ދިން ހަމަލާއެއް ކަމަށް ޚުދު އޭނާ އަމިއްލައަށް ވެސް ވަނީ އެއްބަސްވެފައެވެ.
ބާބާ ސިއްދީގީއަކީ އިންޑިއާގެ ބޮލީވުޑްގެ ގިނަ ތަރިންނާއެކު ގާތް ގުޅުމެއް ވެސް އޮންނަ ފަރާތެކެވެ. އޭގެ ތެރެއިން އެކަކީ ސުޕަރސްޓާ ސަލްމާން ޚާން އެވެ. ޚަބަރުތަކުން ބުނާ ގޮތުގައި ބާބާއަށް މިހަމަލާ ދީފިކަން އެނގުމާއެކު ސަލްމާން ވަނީ ހޮސްޕިޓަލަށް ގޮސް އޭނާއަށް ޒިޔާރަތްވެސް ކޮށްފައެވެ. ނަމަވެސް އެއިރު ބާބާ ސިއްދީގީ ވަނީ މަރުވެފައެވެ.
ހޮސްޕިޓަލުން ނިކުތްއިރު ސަލްމާންގެ މޫނުމަތިން ހާސްކަމާއި މާޔޫސްކަން ފެންނަން ހުރި ކަމަށް އިންޑިއާގެ ރިޕޯޓުތަކުން ބުނެއެވެ. އަދި ގެއަށް ދިޔުމާއެކު އޭނާވަނީ އޭނާގެ ސެކިއުރިޓީ ވަރުގަދަ ކޮށްފައެވެ.
އިންޑިއާގެ ރިޕޯޓުތަކުން ބުނެފައިވާ ގޮތުގައި ބިޝްނޯއީ ވަނީ ސަލްމާން ޚާން ވެސް މަރާލާނެ ކަމަށް މީގެ ކުރިންވެސް އިންޒާރުދީ، ސަލްމާން ދިރިއުޅޭ ގެލެކްސީ އެޕާޓްމަންޓަށް މީގެކުރިން ބަޑިން ހަމަލާވެސް ދީފައެވެ. އަދި ސަލްމާންގެ ބައްޕައަށް ވެސް މަގުމަތިން އިންޒާރު ދިން ކަމަށް ވެސް ރިޕޯޓުތަކުން ބުނެއެވެ.
ބިޝްނޯއީ އަކީ އިންޑިއާގެ މަޝްހޫރު ލަވަކިޔުންތެރިޔާ ސިދޫ މޫސްވާލާ ވެސް މަރާލިކަމަށް ބުނެފައިވާ ޓެރަރިސްޓެކެވެ.



