ގއ. ކޫއްޑޫ ފިޝަރީޒް ކޮމްޕްލެކްސްގައި މަސައްކަތް ކުރަމުންދާ މުވައްޒަފަކަށް ގަނާ ކުރަމުންދާ މައްސަލައެއް ބަލަމުންދާ ކަމަށް މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) އިން ބުނެފިއެވެ.
ކޫއްޑޫ ފިޝަރީޒް ކޮމްޕްލެކްސް ގައި މަސައްކަތް ކުރާ ޚާއްސަ އެހީއަށް ބޭނުންވާ ފަރާތަކަށް އެތަނުގައި މަސައްކަތް ކުރާ އެހެން މުވައްޒަފުންތަކެއް ގަނާ ކުރަމުން އަންނަ ކަމުގެ ވާހަކަތަކެއް މީސް މީޑިއާގައި ދަނީ ދައުރުވަމުންނެވެ.
އެގޮތުން އެ ޚާއްސަ އެހީއަށް ބޭނުންވާ ފަރާތުގެ ކޮއްކޮ ހިއްސާ ކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވަނީ އޭނާގެ ބޭބެއަށް، އެތަނުގައި މަސައްކަތް ކުރާ މުވައްޒަފުންތަކެއް ގަނާ ކުރަމުން ގެންދާތާ ވަރަށް ދުވަސް ވެފައިވާ ކަމަށެވެ. އެގޮތުން ބޭބެއާއި ދިމާލަށް އެކި ނަންނަމުން ގޮވާ، ކެންޓީނަށް ކާން ދިޔަޔަސް އެކި ނަންނަމުން ގޮވާ ދިމާކޮށް، ރުޅި އަރުވައި، ބޭބެގެ ބޮލުގައި ވަރަށް ބާރަށް ތަޅައި ގަތް ކަމަށެވެ. މީގެއިތުރުން ބޭބެގެ ދެ ފަރާތު އާއިލާއާ ވެސް އެމީހުން ބެހުނުކަމަށް އެ ޕޯސްޓުގައި ބުނެފައިވެއެވެ. މިވާހަކަތަކަކީ ތެދެއްކަމަށް ހެކިބަސްދީ އެތަނުގައި ކުރިން މަސައްކަތް ކުރި އެހެން މީހަކު ވެސް އެ ޕޯސްޓު ހިއްސާ ކުރަމުން ބުނެފައިވެއެވެ. އަދި މިއީ 2017 ވަނަ އަހަރު އޭނާ އެތަނުގައި މަސައްކަތް ކުރިއިރުވެސް ފެންނަމުން ދިޔަ ކަމެއް ކަމުގައި ވެސް ބުންޏެވެ.
މިކަމާ ގުޅޭގޮތުން މިފްކޯ އިން މިއަދު މީޑިއާތަކަށް މައުލޫމާތު ދެމުން ބުނީ ކޫއްޑޫގައި މަސައްކަތް ކުރާ މުވައްޒަފަކަށް ގާނާ ކުރަމުންދާ މައްސަލައެއް އެ ކުންފުނިން ބަލަމުންދާ ކަމަށެވެ. އ
”މުވައްޒަފުންނަށް ގާނާ ކުރުމާއި އެނޫންވެސް ފުރައްސާރައިގެ އަމަލުތަކަކީ މި ކުންފުނިން ޓޮލެރޭޓް ކުރާނެ ކަމެއް ނޫން ކަމުގައި ދަންނަވަން“ މިފްކޯއިން ބުންޏެވެ.
ޚާއްސައެހީއަށް ބޭނުންވާ މުވައްޒަފަށް ގަނާކުރި މައްސަލަ މިފްކޯއިން ވަރަށް ގާތުން، ފުރިހަމަކަމާއެކު ބަލާނެކަމުގެ ޔަގީންކަން މިފްކޯއިން ވަނީ ދީފައެވެ. އަދި އެކަމާ ގުޅިގެން އަޅަންޖެހޭ ކޮންމެ ފިޔަވަޅެއް އަޅާނެ ކަމަށް ވެސް ބުނެފައިވެއެވެ.




