އިސްލާމީމަރުކަޒުގެ މުންނާރުގެ މަސްފެންގަނޑު މަރާމާތު ކުރުމުގެ މަސައްކަތް ސްޓެލްކޯއިން ފަށައިފިއެވެ.
އެގޮތުން އިސްލާމިކް މިނިސްޓްރީގެ ވެބްސައިޓުގައި މިއަދު ޝާއިޢުކުރި ޚަބަރެއްގައި ބުނެފައިވަނީ މަސްފެންގަނޑު ހަލާކުވެ ގިނަ ދުވަސްވެފައިވާތީ ސީއެސްއާރުގެ ދަށުން އެ މަސައްކަތް ސްޓެލްކޯއިން ކުރަމުންދާ ކަމަށެވެ.
އިސްލާމިކް މިނިސްޓްރީގެ އެ ހަބަރުގައި ބުނެފައިވަނީ މި މަސައްކަތް ސްޓެލްކޯގެ ސީއެސްއާރުގެ ދަށުން ކޮށްދެއްވުމަށް ސްޓެލްކޯއިން ޝައުޤުވެރިކަން ފާޅުކުރެއްވީ، އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ޙުސައިން ފަޙުމީ، އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް އާއި ބައްދަލުކުރެއްވުމަށްފަހު ކަމަށެވެ.
އެ މަޝްވަރާއަށްފަހު ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ ހުސައިން ފަހުމީ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އިސްލާމިކް މިނިސްޓްރީއާ ގުޅިގެން އެ މަރުކަޒުގެ ހައިބަތު ފުރިހަމަ ކުރުމަށްޓަކައި މުންނާރުގެ ތިރީގައި އޮންނަ މަސްފެންގަނޑު މަރާމާތު ކުރުމުގެ މަސައްކަތް އެކުންފުނިން ކުރާނެ ކަމަށާއި ކުރިއަށް އޮތް ތަނުގައި ވެސް މިފަދަ މަސައްކަތްތަކަށް ސްޓެލްކޯގެ އެއްބާރުލުން ލިބޭނެ ކަމަށެވެ.
އިސްލާމީ މަރުކަޒުގެ މުންނާރާއި، އިސްލާމީ މަރުކަޒުގެ ސަރަޙައްދު މިހާރަށްވުރެ ޒީނަތްތެރިކޮށް އިތުރަށް ފުރިހަމަކުރުމުގެ މަސައްކަތް އެމިނިސްޓްރީން ކުރަމުން އަންނަނީ އިސްލާމީ މަރުކަޒަށް 40 އަހަރު ފުރުމުގެ މުނާސަބާތާއި ގުޅިގެންނެވެ. އިސްލާމީ މަރުކަޒަށް 40 އަހަރު ފުރުން ކުލަ ގަދަކޮށް ފާހަގަކުރެއްވުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ.



