ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ ރަސްމީ ގެކޮޅު، މުރައިދޫގޭގައި މަސައްކަތްކުރާ މުވައްޒަފުންގެ ތަފްސީލު ހާމަނުކުރަން މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީން ނިންމި ނިންމުމާއި ގުޅިގެން މިއަދު ހަވީރު އެކޮމިޓީގެ ކުއްލި ބައްދަލުވުމެއް ބާއްވަން ނިންމައިފިއެވެ.
އެގޮތުން މިއަދުގެ ހަވީރު 4:00 ގައި މިބައްދަލުވުން ބޭއްވުމަށް ނިންމާފައިވަނީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ އެންގެވުމުން ކަމުގައި މައުލޫމާތު ލިބެއެވެ.
މިއަދު ހެނދުނު ބޭއްވި ބައްދަލުވުމުގައި އެކި ފަރާތްތަކުން މުރައިދޫގޭގައި ތިއްބަވާ މުވައްޒަފުންގެ އަދަދާއި، އެ މުވައްޒަފުންގެ މުސާރައިގެ ތަފްސީލު ހޯދުމަށް އެދިފައިވާ މައްސަލަ ބައްލަވާ ކޮމިޓީން ނިންމެވީ އެމައުލޫމާތު ސިއްރުކުރުމަށެވެ. އެގޮތަށް ހުށަހެޅުއްވީ ސަރުކާރު ހިންގާ ޕާޓީ ޕީއެންސީގެ ޕީޖީ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހު އެވެ.
”ރައްޔިތުންގެ މަޖިލީހުގެ ރައީސް ހުންނަވާ ގޭގެ މުވައްޒަފުންގެ އަދަދާއި، މުވައްޒަފުންގެ މުސާރައާއި، އެ ތަފްސީލު ހޯދަން އެކިއެކި ފަރާތްތަކުން މަޖިލިސް އިދާރާއަށް ފޮނުވާފައި އޮތް ސިޓީއެއް،“ ކޮމިޓީގެ މުގައްރިރު، އޭދަފުށި ދާއިރާގެ މެންބަރު އަހުމަދު ސަލީމް ވިދާޅުވިއެވެ.
ކޮމިޓީއަށް އެސިޓީ ލިބިފައި އޮތްކަން ހާމަކުރައްވާ ކޮމިޓީ ކުރިއަށް ގެންދާނީ ސިއްރުކޮށްގެންތޯ ނުވަތަ ނޫންތޯ ސަލީމް ސުވާލުކުރެއްވުމުން ޕީއެންސީގެ ޕާލިމެންޓްރީ ގްރޫޕުގެ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހު ވަނީ ބައްދަލުވުން ސިއްރުކުރަން ހުށަހަޅާފައެވެ. މި ހުށަހެޅުމަށް މާމިގިލި ދާއިރާގެ މެންބަރު ގާސިމް އިބްރާހީމް ވަނީ ތާއީދު ކުރައްވާފައެވެ.
މުރައިދޫގެއަށް ރައްޔިތުންގެ މަޖިލީޙުގެ ރައީސް ބަދަލުވެޑައިގެންނެވީ އެ ގެ މަރާމާތުކުރުމަށް ފަހު މިދިޔަ ޖުލައި މަހުގެ 25 ވަނަ ދުވަހުއެވެ.



