ރާއްޖޭގެ މަސްވެރިކަން އިތުރަށް ކުރިއެރުވުމަށްޓަކައި މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް (މިފްކޯ) އިން އިތުރު މަސައްކަތްތަކެއް ފަށައިފިއެވެ.
އެގޮތުން މިފްކޯއިން މިއަދު ވަނީ މިފްކޯގެ މަސް އެކްސްޕޯޓު ކުރުމަށްޓަކައި، މޯލްޑިވްސް ސްޓޭޓް ޝިޕިންގް (އެމްއެސްއެސް) ގެ ބޯޓުތަކާއި ލޮޖިސްޓިކަލް ސަޕޯޓު ބޭނުން ކުރުމަށް އެ ކުންފުންޏާއެކު ފަހުމްނާމާ އެއްގައި ސޮއިކޮށްފައެވެ.
އެސްޓީއޯ ޓްރެއިންގް އިންސްޓިޓިއުޓްގައި މިއަދު ހަވީރު ބޭއްވި މި ރަސްމިއްޔާތުގައި އެމްއެސްއެސްގެ ފަރާތުން މި ފަހުމްނާމާގައި ސޮއި ކުރެއްވީ އެކުންފުނީގެ މެނޭޖިންގް ޑިރެކްޓަރ އަޙުމަދު ޝަރީފެވެ. އަދި މިފްކޯގެ ފަރާތުން ސޮއި ކުރެއްވީ މިފްކޯ ހިންގުމާ ހަވާލުވެހުންނެވި ސީއެފްއޯ އިލްޔާސް ޙަނީފް އެވެ.
މިއަދު ސޮއި ކުރި މި ފަހުމްނާމާގެ ދަށުން، މިފްކޯގެ މަސް ރާއްޖެއިން ބޭރަށް އެކްސްޕޯޓް ކުރުމަށް ބޭނުންވާ ހުރިހާ ލޮޖިސްޓިކްސް ސޮލިއުޝަންއެއް އެމްއެސްއެސް އިން ފޯރުކޮށްދޭނެއެވެ. މީގެ ތެރޭގައި، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހުންނަ މިފްކޯ ފެސިލިޓީތަކުން އެމްއެސްއެސްގެ ކޮންޓެއިނަރުތަކަށް މިފްކޯގެ ޕްރޮޑަކްޓްތަކުގެ ތެރެއިން ފުރޯޒަން ޓޫނާ، ކޭންޑް ޓޫނާ، ޓޫނާ ޕައުޗް އަދި ފިޝްމީލް ލޯޑުކޮށް، މި ކޮންޓެއިނަރުތައް އެމްއެސްއެސްގެ ލޯކަލް އިންޓަރ އެޓޯލް ޓްރާންސްޕޯޓް ކުރާ ބޯޓު ”އެމްއެސްއެސް އޯޕަލް“ މެދުވެރިކޮށް މާލެ ގެނެސް، މިތަކެތި ރާއްޖެއިން ބޭރަށް ދަތުރުކުރާ އެމްއެސްއެސްގެ ފީޑަރ ބޯޓުތަކުގައި އޭގެ މަންޒިލަށް އެކްސްޕޯޓް ކުރެވިގެންދާނެއެވެ.
މިއެއްބަސްވުމުގެ ސަބަބުން އެމްއެސްއެސް މެދުވެރިކޮށް ދުނިޔޭގެ ކޮންމެތަނަކަށްވެސް މަސް އެކްސްޕޯޓް ކުރުމުގެ ފުރުސަތު ފަހިވެގެންދާނެ ކަމަަށް މިފްކޯ އިން ބުނެފައިވެއެވެ.
އެމްއެސްއެސްއާއެކު އަލަށް ފެށި މި އެއްބަސްވުމުގެ ސަބަބުން މީގެ ކުރިން މަސް އެކްސްޕޯޓް ކުރަމުން އައި ގޮތް ބަދަލުވެ، މިކަމަށް ދާ ޚަރަދު ކުޑަވެ، މިފްކޯގެ ސްޓޯރޭޖް ދަތިތަކަށް ޙައްލެއް ލިބި، އެހެން މާކެޓްތަކަށް ފަސޭހަކަމާއެކު މިފްކޯއަށް ވާސިލްވުމުގެ ފުރުސަތު ހުޅުވިގެންދާނެ ކަމަށް ވެސް މިފްކޯ އިން ބުނެފައިވެއެވެ.
މިއަދު ސޮއި ކުރެވުނު މި ފަހުމްނާމާގެ ސަބަބުން ރާއްޖޭގެ މަސްވެރިކަމުގެ ސިނާޢަތަށް މުހިންމު ފައިދާތަކެއް ލިބޭނެއެވެ. އޭގެތެރޭގައި ހިމެނެނީ:
1. ޚަރަދު ކުޑަވުން: މި ޚިދުމަތް ފެށުމުން، މީގެ ކުރިން ރީފަރ ކޮންޓެއިނަރ ދޯންޏަކަށް ލޯޑުކޮށްގެން ކޫއްޑޫ – މާލެ – ތައިލެންޑަށް އެކްސްޕޯޓް ކުރަމުން ގެންދިޔަ އަގު ކުޑަވެގެންދާނެއެވެ.
2. އެފިޝަންސީ ރަނގަޅުވުން: އެމްއެސްއެސް މެދުވެރިކޮށް ލިބެނީ އަތޮޅުތެރޭގައި އަދި ރާއްޖެއިން ބޭރުގައި މަސް އެކްސްޕޯޓްކުރުމުގެ އެންޑް-ޓު-އެންޑް ލޮޖިސްޓިކްސް ސޮލިއުޝަން ކަމުން، މިފްކޯގެ އޮޕަރޭޝަންތައް ލުއިވެގެން ދާނެކަމަށް ޤަބޫލުކުރެވެއެވެ.
3. މާކެޓް ޑައިވަރސިފިކޭޝަން: އެމްއެސްއެސްގެ ގްލޯބަލް ނެޓްވޯކް މެދުވެރިކޮށް، މިފްކޯއަށް އާ މާކެޓްތައް ހޯދުމުގެ ފުރުސަތު ފަހިވެ، ދިވެހި މަހުގެ އުފެއްދުންތަކަށް އިތުރު ކަސްޓަމަރުން ލިބިގެންދާނެއެވެ.
4. އެންހޭންސްޑް އިންވެންޓްރީ މެނޭޖްމަންޓް: އެމްއެސްއެސްގެ ރީފަރ ކޮންޓެއިނަރުތަކުގެ ސަބަބުން މިފްކޯއަށް ވަރަށް ބޮޑަށް ބޭނުންވެފައިވާ ސްޓޯރޭޖް ސޮލިއުޝަންތައް ލިބި، މިފްކޯގެ އިންވެންޓްރީ ފަސޭހަކަމާއެކު ބެލެހެއްޓޭނެ އިންތިޒާމް ހަމަޖެހިގެންދާނެއެވެ. ހަމައެއާއިއެކު، މީގެ ކުރިން ބަލްކްކޮށް ރީފަރ ބޯޓުތަކަށް ލޯޑްކުރުމުގައި ދިމާވާ މައްސަލަތަކަށް އެއްކޮށް ޙައްލު ލިބިގެންދާނެއެވެ.
މި ޚިދުމަތުގެ ސަބަބުން އެމްއެސްއެސްއަށާއި ރާއްޖޭގެ ޝިޕިންގް ސިނާއަތަށް ލިބޭ މުހިންމު ފައިދާތަކެއް ވެސް ލިބިގެންދާނެއެވެ. އެއީ:
1. އެކްސްޕޯޓް ވޮލިއުމް އިތުރުވުން: އެމްއެސްއެސް އިން ލަފާކުރާ ގޮތުގައި މި ޚިދުމަތުގެ ސަބަބުން ރާއްޖެއިން ބޭރަށް އެކްސްޕޯޓް ކުރާ މިންވަރު ވަރަށް ބޮޑަށް އިތުރުވާނެއެވެ.
2. ރާއްޖޭގެ ޝިޕިންގ ހަރުދަނާކުރުން: މަސްވެރިކަން ކަހަލަ ދިވެހި ރާއްޖޭގެ މައިގަނޑު ސިނާއަތެއް ތަރައްޤީ ކުރުމަށް އެމްއެސްއެސް މުޙިއްމު ރޯލެއް އަދާކުރުމަކީ، އެމްއެސްއެސް ފުޅާކުރުމަށް ލިބިގެންދާ ފުރުޞަތެކެވެ. ރާއްޖެއިން ބޭރުގެ ޝިޕިންލައިންތަކަށް ކުރާ ބަރޯސާ ކުޑަވެ، ޤައުމީ ޝިޕިންގް ލައިން މެދުވެރިކޮށް ދުނިޔޭގެ ކޮންމެ މާކެޓަކަށްވެސް ޙާއްސަ ޝިޕިންގް ރޫޓްތައް ހެދުމަށް ފުރުޞަތު ލިބެއެވެ.
3. ސީމްލެސް އެކްސްޕޯޓް އޮޕަރޭޝަންސް: އެމްއެސްއެސްގެ އޯލް އިންކްލޫސިވް ހިދުމަތުގެ ސަބަބުން، ސަރުކާއި އަދި ޕްރައިވެޓް ކުންފުނިތަކަށްވެސް މަހާއި މަހުގެ ބާވަތްތައް އެކްސްޕޯޓު ކުރުމަކީ ފަސޭހަ، ހަރުދަނާ އަދި އިތުބާރު ހިފޭ ޚިދުމަތަކަށް ވެގެންދާނެ.
އެމްއެސްއެސް އިން މިފްކޯގެ މަސް އެކްސްޕޯޓު ކުރުމުގެ ޓެކްނިކަލް މަސައްކަތާއި ހަވާލުވުމުން، މިފްކޯގެ ކުރިން ހިނގަމުންދިޔަ އޮޕަރޭޝަން ލުއިވެ، މިފްކޯގެ މައިގަނޑު މަސައްކަތް ކަމުގައިވާ ދިވެހި މަހާއި މަހުގެ އުފެއްދުންތައް އުފެއްދުމުގެ މަސައްކަތަށް އިތުރަށް ސަމާލުވެ މަސްއޫލުވުމަށް ފުރުޞަތު ލިބިގެންދާނެއެވެ. މި ޚިދުމަތުގެ ސަބަބުން އެމްއެސްއެސްއަށާއި، މިފްކޯ، އަދި ރާއްޖޭގެ އިޤްތިޞާދަށް، ޚާއްޞަކޮށް މަސްވެރިކަމުގެ ސިނާއަތަށް ފައިދާކުރާނެ ކަމަށް ބެލެވެއެވެ.



