ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲގެ ރަސްމީ ގެކޮޅު، މުރައިދޫގޭގެ މުވައްޒަފުންގެ ތަފުސީލުތައް ހާމަކުރަން ސަލާމަތީ ޚިދުމަތްތަކާ ބެހޭ ކޮމިޓީ (241 ކޮމިޓީ) އިން މިއަދު ނިންމައިފިއެވެ.
ކޮމިޓީން މިހެން ނިންމާފައި ވަނީ މިއަދު ހެނދުނު މިކަމާއި ގުޅިގެން ބޭއްވި ބައްދަލުވުމުގައި މިތަފްސީލު ހާމަނުކުރަން އެކޮމިޓީން ނިންމުމާއި ގުޅިގެން ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ އެންގެވުމުގެ މައްޗަށް އަލުން ކުއްލި ކޮމިޓީ ބައްދަލުވުމެއް ބޭއްވުމަށްފަހުއެވެ.
މިއަދު ހަވީރުގެ ކޮމިޓީ ބައްދަލުވުމުގައި އޭދަފުށި ދާއިރާގެ މެންބަރު އަހުމަދު ސަލީމް ވިދާޅުވީ އެ ކޮމިޓީ ބައްދަލުވުން އަލުން ތާވަލުކުރީ އެ ނިންމުމުގައި މުރާޖާކުރަންޖެހޭ ކަންތައްތަކެއް ހުރިކަމަށް ފެންނާތީ ކަމަށެވެ.
މިބައްދަލުވުމުގައި ޕީއެންސީގެ ޕާލިމެންޓްރީ ގްރޫޕުގެ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހު ވަނީ މުރައިދޫގޭގެ މައުލޫމާތުތައް ހޯދުމަށް އެދިފައިވާ ފަރާތްތައް އެދުނު ހުރިހާ މައުލޫމާތެއް ފޯރުކޮށްދިނުމަށް ހުށަހެޅުއްވުމުން ކެލާ ދާއިރާގެ މެންބަރު އަބްދުﷲ ޝަރީފް ވަނީ އެހުށަހެޅުމަށް ތާއީދުކުރެއްވާފައެވެ.
މީގެއިތުރުން، މުރައިދޫގޭގެ މުވައްޒަފުންގެ އަދަދާއި، މަގާމުގެ އިތުރުން މުސާރަ ހާމަކުރަންޖެހޭނެ ކަމަށް މާފަންނު އުތުރު ދާއިރާގެ މެންބަރު މުހައްމަދު ނާޒިމް ވިދާޅުވިއެވެ. އޭނާ އިތުރަށް ވިދާޅުވީ މިމައުލޫމާތުތައް ހާމަކޮށްގެން ގައުމީ ސަލާމަތަށް ނުރައްކަލެއް ނުވާނެ ކަމަށެވެ.
ފަލާހުގެ ހުށަހެޅުމަށް ތާއީދުކުރައްވާ ހިތަދޫ މެދު ދާއިރާގެ މެންބަރު އަހުމަދު އަޒާން މަރުޒޫގު ވިދާޅުވީ މީގެ ކުރިން ވެސް ވުޒާރާތަކުގައި ތިއްބަވާ ފަރާތްތަކުގެ ވަނަވަރު ވެސް ހާމަކުރި ކޮށްފައިވާ ކަމަށާއި، މީހުންގެ ނަމާއި މުސާރައާއި މަގާމު ހާމަކުރުމަކީ ޒާތީކަމެއް ނޫންކަމަށާއި އެކަން ނުކުރާނަމަ ބޮޑު އެއީ ބޮޑު ޖޯކެއް ކަމަށެވެ.
”ވައިޓް ހައުސް ކަހަލަ ބޮޑެތި ތަންތަނުގައި ވެސް ތިއްބަވާ ބޭފުޅުންގެ ވަނަވަރު އެބަ އެނގިލައްވާ. ބަގީޗާ ބަލަހައްޓަން ތިބޭ މީހުންގެ ނަންތައް ހާމަކުރުމަކީ މައްސަލައެއް ނޫން،“ އަޒާން ވިދާޅުވިއެވެ.
މުވައްޒަފުންގެ ތަފްސީލު ހާމަކުރުމަށް ފަލާހު ހުށަހެޅުއްވި ހުށަހެޅުން ފާސްކުރީ އެ ބައްދަލުވުމަށް ހާޒިރުވެ ތިއްބެވި އެންމެ މެންބަރެއް ފިޔަވާ ހުރިހާ މެންބަރުންގެ އިއްތިފާގުންނެވެ. ދެކޮޅު ހެއްދެވީ ހަނިމާދޫ ދާއިރާގެ އެމްޑީޕީ މެންބަރު އަބްދުލް ޣަފޫރު މޫސާއެވެ.
މިބައްދަލުވުމުގައި ޣަފޫރު ވަނީ އެ ކޮމިޓީ ގަވާއިދާ ޚިލާފަށް ކުރިއަށްދާ ކަމެއް ކަމަށް ވިދާޅުވެ އަޑުގަދަކުރައްވާފައެވެ. އޭނާ ވިދާޅުވީ ހެނދުނު ކޮމިޓީން މިމައްސަލައާއި މެދު ވަކިގޮތެއް ނިންމާފައި ވަނިކޮށް އަލުން އެ މައްސަލަ ނުބޭއްވޭނެ ކަމަށާއި ކައުންސިލް ޖެނެރަލްގެ ލަފައެއް ހޯދަން ޖެހޭނެ ކަމަށެވެ.
މިއަށް ރައްދު ދެއްވާ ކޮމިޓީގެ މުގައްރިރު ސަލީމް ވިދާޅުވީ ކޮމިޓީން ނިންމި ކަމެއް ބާތިލުކުރުމުގެ ބާރު ކޮމިޓީއަށް އޮންނާނެ ކަމަށެވެ.
ރައްޔިތުންގެ މަޖިލީޙުގެ ރައީސް މުރައިދޫގެއަށް ބަދަލުވެޑައިގެންނެވީ އެ ގެ މަރާމާތުކުރުމަށް ފަހު މިދިޔަ ޖުލައި މަހުގެ 25 ވަނަ ދުވަހުއެވެ.



