ރާއްޖޭގައި ވޭޕް މަނާކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމެވި ނިންމެވުމަކީ ގައުމީ ނިންމުމެއް ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެއެވެ.
އިހުސާން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ދިވެހި ދަރިން މަސްތުގެ މަގަށް ފަސޭހަކަމާއެކު އަނބުރާލާ ކަމެއްގެ ގޮތުގައި އޮތް ވޭޕް ކުރުން މަނާކުރަން ރައީސް ޑރ. ނިންމެވި ނިންމެވުމަކީ މިގައުމު ތާއަބަދަށް ޝުކުރުވެރިވާނޭ ގައުމީ ނިންމެވުމެއް ކަމަށެވެ.
އިހުސާން ވަނީ ވޭޕް މަނާކުރެވުމަށް ނިންމެވުމުން ރައީސަށް ޝުކުރު އާދާކުރައްވާފައެވެ.
ރާއްޖެއަށް ވޭޕް އެތެރެކޮށް ބޭނުން ކުރުން މަނާ ކަމުގައި ކަނޑައަޅުއްވާ ރައީސް ވަނީ މިއަދު ހަވީރު އެކްސްގައި ޕޯސްޓެއް ކުރައްވާފައެވެ.އެމަނިކުފާނު އެކްސްގައި ކުރެއްވި ޕޯސްޓުގައި ވިދާޅުވީ ވޭޕްކުރުމަށް ބޭނުންކުރާ ތަކެއްޗާއި، އެ ތަކެތީގެ ވަކިވަކި ބައިތައް ދިވެހިރާއްޖެއަށް އެތެރުކުރުން 15 ނޮވެމްބަރުން ފެށިގެން މަނާ ކުރުމަށް އަންގަވާފައި ވާކަމަށެވެ.
މީގެއިތުރުން، ވޭޕްކުރުމަށް ބޭނުންކުރާ ތަކެތި ރާއްޖޭގައި ބޭނުންކުރުމާއި، ގެންގުޅުމާއި، އުފެއްދުމާއި، ވިއްކުމާއި، އިޝްތިހާރު ކުރުމާއި ހިލޭބެހުން މިއަހަރުގެ ޑިސެމްބަރު 15 ވަނަ ދުވަހުން ފެށިގެން މަނާކުރުމަށް ކުރަންޖެހޭ އެންމެހާ ކަންކަން ކުރުމަށް ކަމާބެހޭ ފަރާތްތަކަށް އަންގަވާފައިވާ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.
ރާއްޖޭގައި ވޭޕް ކުރަން، މިނިންމެވުން ނިންމެވުމުގެ ކުރިން މިކަމާއި ގުޅިގެން ދިރާސާކުރުމަށް ރައީސް ވަނީ ވަޒީރުންގެ މަޖިލީހުގައި ސަބް ކޮމިޓީއެއް އުފައްދަވައި މިކަމާ ގުޅިގެން ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރައްވައިފައެވެ.
އެމަނިކުފާނު ވޭޕް މަނާކުރުމަށް ނިންމަވާފައި ވަނީ ރާއްޖޭގައި ވޭޕްކުރުން މަނާކުރުމަށް ކުރުމަށް ދިވެހި ޑޮކްޓަރުންގެ ޖަމިއްޔާ، މޯލްޑިވިއަން މެޑިކަލް އެސޯސިއޭޝަން (އެމްއެމްއޭ)އާއި، ނަރުހުންގެ ޖަމިއްޔާއާއި، ގައުމީ 21 ކުޅިވަރު ޖަމިއްޔާއަކުން ގޮވާލާފައި ވަނިކޮށެވެ.



