ރާއްޖޭގައި ވޭޕްކުރުން މަނާކުރުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ނިންމެވި ނިންމުމަކީ އާންމު ސިއްހަތައް އެޅުއްވި ވަރުގަދަ ފިޔަވަޅެއް ކަމަށް ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރ، ހުސައިން ފަހުމީ ވިދާޅުވެއްޖެއެވެ.
ފަހުމީ ވިދާޅުވީ ނިއުޒިލެންޑްގައި އަމަލުކުރި ފަދައިން ޖީލުތަކަކަށް ދުންފަތުގެ އިސްތިޢުމާލުކުރުން މަނާކުރުމަކީ ދުންފަތުން މިނިވަން މުސްތަޤުބަލެއް ހޯދައިދޭނެ ކަމެއް ކަމަށެވެ. އަދި އޭގެ ސަބަބުން ދައުލަތުގެ ފައިސާއިން ދުންފަތުގެ ސަބަބުން ޖެހޭ ބަލިތަކަށް ކުރަންޖެހޭ ޚަރަދު ސަލާމަތްކުރެވިދާނެ ކަމަށްވެސް ފަހުމީ ވިދާޅުވިއެވެ.
ރައީސް ޑރ. މުޢިއްޒު މިއަދު ހަވީރު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައި ވަނީ ވޭޕްކުރުމަށް ބޭނުންކުރާ ތަކެއްޗާއި، އެ ތަކެތީގެ ވަކިވަކި ބައިތައް ދިވެހިރާއްޖެއަށް އެތެރުކުރުން 15 ނޮވެމްބަރުން ފެށިގެން މަނާ ކުރުމަށް ނިންމާފައިވާ ކަމަށެވެ.
ރައީސްގެ މިނިންމުމަކީ ރަނގަޅު ނިންމުމެއްކަމަށް ބުނެ، ގިނަ ބަޔަކު ދަނީ އެމަނިކުފާނަށް މަރުހަބާ ދަންނަވަމުންނެވެ.



