މިދިޔަ އޮގަސްޓް މަހުގެ 14 ވަނަ ދުވަހު މާލޭގެ ކަސްޓަމްސް ސަރަހައްދުގައި ހުރި އިމާރާތަކުން ވެއްޓި މަރުވި ގއ. މާމެންދޫ، ބީޗްވިލާ، ވިފާގު އިބްރާހިމް އަދުނާންގެ މަރުގެ މައްސަލައިގައި ސެންސިޓިވް މައުލޫމާތު ހާމަކުރެވުމުން ފުލުހުން އެކަމަށް މަޢާފަށް އެދިއްޖެއެވެ.
ވިފާޤްގެ މަރާއި ގުޅޭ ގޮތުން މައުލޫމާތު ދެއްވުމަށް އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފުލުހުން ވަނީ ވިފާޤްގެ މަރާއި ގުޅިގެން ވަރަށް ތަފްސީލު މައުލޫމާތުތަކެއް ހާމަކޮށްފައެވެ. މިއާއި ގުޅިގެން އާއްމުން ވަނީ ސެންސިޓިވް މައުލޫމާތު ހާމަކޮށްފައިވާ ކަމަށް ބުނެ ފުލުހުންނަށް ފާޑުކިޔާފައެވެ.
ފުލުހުން މިރޭ އާއްމުކޮށްފައިވާ ނޫސްބަޔާނެއްގައި ބުނެފައި ވަނީ އެ މައްސަލައިގެ ތަހުގީގާ ގުޅުން ހުރި ތަފްސީލީ މައުލޫމާތުތަކެއް ދީފައި ވަނީ އެ ޚިދުމަތުން ތަހުގީގު ކުރިއަށް ގެންގޮސްފައިވާ ގޮތާއި ވިފާގުގެ އާއިލާގެ ބައެއް ފަރާތްތަކާ ގުޅޭ ގޮތުން ހަގީގަތާ ޚިލާފު ވާހަކަތަކެއް ހިމެނޭ ޕްރޮގްރާމެއް ދައްކާފައި ވުމުން ކަމަށެވެ.
ފުލުހުން ވިދާޅުވީ ފުލުހުން ތަފްސީލު މައުލޫމާތުތައް ހާމަކުރީ މީޑިއާއަކުން އެމައްސަލަ އާއި ގުޅޭގޮތުން އެކަމުގެ ހަގީގަތް އޮޅޭ ގޮތަށް، ފުލުހުންގެ މުއައްސަސާގެ ތަހްގީގު ކުރިއަށް ގެންގޮސްފައިވާ ގޮތާއި ގުޅޭ ގޮތުން އަދި ނިޔާވެފައިވާ ފަރާތުގެ އާއިލާގެ ބައެއް ފަރާތްތަކާއިވެސް ގުޅޭގޮތުން ހަގީގަތާއި ޚިލާފު ވާހަކަތަކެއް ހިމެނޭގޮތަށް ޕްރްގްރާމެއް ތައްޔާރުކޮށް ބްރޯޑްކާސްޓް ކޮށްފައިވުމާއި ގުޅިގެން ކަމަށެވެ.
މީގެއިތުރުން، މިމައުލޫމާތުތައް ހިއްސާކޮށްފައި ވާނީ ވިފާގުގެ މަންމައާއި ބައްޕަ ހިމެނޭ ގޮތަށް އާއިލާއަށް ވެސް އެކަން އެނގިގެން ކަމަށް ފުލުހުން ވިދާޅުވިއެވެ.
ފުލުހުން އިތުރަށް ވިދާޅުވީ ބައެއް ސެންސިޓިވް ވާހަކަތައް އެންމެ ރަނގަޅު ނޫންގޮތުގައި ގެނެސް ދެވުނު ކަމަށް ގަބޫލު ކުރާ ކަމަށާއި އެކަމަށް ހުރިހާ ފަރާތްތަކުގެ ކިބައިން މަޢާފަށް އެދޭކަމަށެވެ.
އިއްޔެގެ ނޫސްވެރިންގެ ބައްދަލުވުމުގައި ވިފާޤުއަށް ޖިންސީ ގޯނާކޮށްފައިވާކަމަށް ބުނެ ދެކެވޭ ވާހަކަތައް ދޮގުކޮށް ފުލުހުން ވިދާޅުވީ އޭނާގެ ހަށިގަނޑު ގެންގޮސް ތަހުލީލު ކުރުމުން އޭނާ އަކީ ބިކުރުވެރި އަންހެނެއްކަން ކަށަވަރު ކުރެވިފައިވާ ކަމަށެވެ.




