ވޭޕް އޮއިލްގެ ނަމުގައި ރާއްޖެ އެތެރެކުރި މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ކެނެބިސް އަޅާފައިވާ ޝިޕްމެންޓެއް ކަސްޓަމްސްއިން ހިފަހައްޓާފިއެވެ.
ދާޚިލީ ސަލާމާތާއި ފަންނީއްޔާތާބެހޭ ވަޒީރު ޢަލީ އިހުސާން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ދާދި ދެންމެއަކު ”ވޭޕް އޮއިލް‘ ގެ ނަމުގައި ރާއްޖެއަށް އެތެރެކުރެވުނު މަސްތުވާތަކެތީގެ ބާވެތެއް ކަމުގައިވާ ކެނެބިސް އަޅާފައިވާ ޝިޕްމެންޓެއް ކަސްޓަމްސް އޮތޯރިޓީން ހިފަހައްޓާފައިވާ ކަމަށާއި ރައީސް ޑރ މުޙައްމަދު މުޢިއްޒު ވޭޕް މަނާކުރަން ޖެހުނު އެންމެ ބޮޑު ސަބަބަކީ މިއީ ކަމަށެވެ.
މީގެއިތުރުން 14 މެއި 2024 ވަނަ ދުވަހު ރާއްޖެ އެތެރެކުރަނިކޮށް ހިފެހެއްޓުނު ކެނެބިސް އަޅާފައިވާ ވޭޕް ކާޓްރިޖްތަކެއްގެ ފޮޓޯ އެކްސްގައި ހިއްސާ ކުރައްވާއި ވަޒީރު ވިދާޅުވީ ސްކޫލުތަކުގައި ކިޔަވާ ކުދިންނަށް މިފަދަ މަސްތުވާތަކެތި ހިމެނޭ ވޭޕް އޮޅުވާލައިގެން ދެމުންދާކަން ފާހަގަކުރެވިފައިވާ ކަމަށެވެ.
ރައީސް ޑރ. މުޢިއްޒު ވަނީ މިއަހަރުގެ 15 ނޮވެމްބަރުން ފެށިގެން ވޭޕްކުރުމަށް ބޭނުންކުރާ ތަކެއްޗާއި، އެ ތަކެތީގެ ވަކިވަކި ބައިތައް ރާއްޖެއަށް އެތެރުކުރުން މަނާކޮށްފައެވެ. އަދި ވޭޕްކުރުމަށް ބޭނުންކުރާ ތަކެތި ރާއްޖޭގައި ބޭނުންކުރުމާއި، ގެންގުޅުމާއި، އުފެއްދުމާއި، ވިއްކުމާއި، އިޝްތިހާރު ކުރުމާއި ހިލޭބެހުން މިއަހަރުގެ ޑިސެމްބަރު 15ވަނަ ދުވަހުން ފެށިގެން މަނާކުރުމަށް ކުރަންޖެހޭ އެންމެހާ ކަންކަން ކުރުމަށް ކަމާބެހޭ ފަރާތްތަކަށް ވެސް އެމަނިކުފާނު ވަނީ އަންގާފައެވެ.
ރައީސްގެ މިނިންމުމާއި ގުޅިގެން ސަރުކާރުގެ އިސްފަރާތްތަކާއި އާންމުންގެ ގިނަ ބަޔަކު ވަނީ އެމަނިކުފާނަށް މަރުހަބާ ދަންނަވާފައެވެ.
އެގޮތުން ރައީސްގެ މިނިންމެވުމަކީ ގައުމީ ބޮޑު ނިންމެވުމެއްގެ ގޮތުގައި ސިފަ ކުރައްވައި، ވަޒީރު އިހުސާން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ދިވެހި ދަރީން މަސްތުގެ މަގަށް ފަސޭހަކަމާއިއެކު އަނބުރާލާ ކަމެއްގެ ގޮތުގައި އޮތް ވޭޕް ކުރުން މަނާކުރުމަށް ރައީސް ނިންމެވި ނިންމެވުމަކީ މިގައުމު ތާއަބަދަށް ޝުކުރުވެރިވާނެ ގައުމީ ބޮޑު ނިންމެވުމެއް ކަމަށެވެ.



