ޔަހޫދީ އިޒްރޭލުން ޣައްޒާގެ ނިކަމެތި ރައްޔިތުންނަށް ދެމުންގެންދާ ހަމަލާތަކުގެ ވާހަކައަކީ، އެތައް ޒަމާނެއް ވަންދެން ދައްކަމުން އަންނަ، އެކަމަށް އަދި މިހާތަނަށް އެއްވެސް ހައްލެއް ލިބިފައި ނުވާ ވާހަކަތަކެކެވެ. ފަލަސްތީނު ރައްޔިތުން އެމީހުންގެ އަމިއްލަ ގެދޮރުން ނިކުންނަން ޖެހި، ބަނޑުހައި ހޫނު ކަމާއެކު ބިކަ ހާލުގައި ޓެންޓުތަކުގައި ދިރިއުޅޭތަން ވީޑިއޯތަކުން ފެނުމުން ވެސް ހިތްފަޅައިގެންދާވަރު ވެއެވެ. ތުއްތު ކުދީންނާއި، ކުޑަ ކުދީންނެވެ. އަންހެނުންނާއި ފިރިހެނުންގެ އިތުރުން އުމުރުން ދުވަސްވީ އެތައް ބައެއް ވަނީ ބިކަ ހާލު ޖެހިފައެވެ. އެތަކެއް އާއިލާތަކެއް ވަނީ ޝަހީދުވެ ނުވަތަ ދިން ހަމަލާތަކުގެ ސަބަބުން އުމުރު ދުވަހު ބޮޑެތި ޒަހަމްތަކެއް ވެސް ވެފައެވެ.
އެފަދައިން ދާދި ފަހުން ޝަހީދުވި އެކަކީ، ޝަބާން އަހްމަދު އަލް-ދާލޫ އެވެ. ޒުވާން އުމުރުގައި ކީރިތި ޤުރްއާން ހިތުދަސްކުރި ޝަބާން ވަނީ އިޒްރޭލުން އިއްޔެ ޣައްޒާގެ ޓެންޓަކަށް ދިން ބޮމުގެ ހަމަލާތަކުގެ ސަބަބުން މިދުނިޔެއާ އަލްވަދާޢުކިޔައި ޝަހީދުވެފައެވެ.
މީގެ ހަފްތާއެއް ކުރިން އިޒްރޭލުން ޣައްޒާގެ މިސްކިތަކަށް ދިން ހަމަލާގައި ޝަބާން ސަލާމަތްވިއެވެ. އެދުވަހު ދިން ހަމަލާގައި 20 އަށްވުރެ ގިނަ މީހުން ޝަހީދުވި ނަމަވެސް، ޝަބާން ވެގެން ދިޔައީ ސަލާމަތްވި މީހުންގެ ތެރެއިންނެވެ.
އެދުވަހު ސަލާމަތްވާން ތަގުދީރު ނިޔާ ކުރި ނަމަވެސް، މިފަހަރު ދިން ބޮމުގެ ހަމަލާއިން ޝަބާން ސަލާމަތެއް ނުވިއެވެ. ވީޑިއޯތަކުން ފެންނަނީ އެހަމަލާގެ ސަބަބުން ރޯވި ބޮޑު އަލިފާންގަނޑުގެ ހުޅުގަނޑު ޝަބާންގެ ގައިގައިވެސް ހިފާ، ދިރިހުއްޓާ އަނދައިގެން ދިޔަ މަންޒަރެވެ. ވަރަށް ވެސް ބިރުވެރި އަދި އެހާމެ ހިތްދަތި މަންޒަރެކެވެ.
ދުނިޔޭގައި ހުރިއިރު ޝަބާން ދެކުނު އެއް ހުވަފެނަކީ ސިއްހީ ދާއިރާގައި މަސައްކަތްކޮށް، ސިއްޙީ ޚިދުމަތްތެރިއަކަށް ވުމެވެ. ސަބަބެއްގެ ގޮތުގައި ވެސް އޭނާ ބުނީ، އެއީ އިޒްރޭލުން ދެމުންގެންދާ ހަމަލާތަކުގެ ސަބަބުން ޒަހަމްވާ އެތައް ބަޔަކަށް އެހީތެރިވުމެވެ. އެގޮތުން އެއް މަސް ފަހުން މެޑިކަލް ސްކޫލަކަށް ޝަބާން ކިޔަވަން ދިޔުމަށްވެސް ހަމަޖެހިފައިވެއެވެ.
ނަމަވެސް އޭނާގެ އެ ހުވަފެންތައް ހަގީގަތަކަށް ހެދުމުގެ ކުރިން އިޒްރޭލުގެ ނުބައި ނުލަފާ ޔަހޫދީ ސިފައިން، އޭނާގެ ހަށިގަނޑާއި ފުރާނަ އެއްވެސް ރަހުމެއްނެތި ވަކިކޮށްލީއެވެ.




