ރާއްޖޭގައި ވޭޕް ކުރުން މަނާ ކުރާ ފަހުން އެތަކެތި އެތެރެކޮށް ވިއްކާ މީހުންނަށް ޖޫރިމަނާގެ އަދަބެއް ދެވޭ ގޮތަށް ގާނޫނު ބަދަލުކުރަން ބިލެއް ޑްރާފްޓުކޮށްފިއެވެ. މި ބިލު ޑްރާފްޓުކުރީ ބަންޑާރަ ނައިބު އަހުމަދު އުޝާމްއެވެ.
ވޭޕްކުރުމަށް ބޭނުންކުރާ ތަކެއްޗާއި އެ ތަކެތީގެ ވަކިވަކި ބައިތައް ރާއްޖެއަށް އެތެރުކުރުން މިއަދުން ފެށިގެން މަނާކޮށްފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހަމަދު މުއިއްޒު އިއްޔެ ވަނީ އިއުލާނު ކުރައްވާފައެވެ. އެކަމާ ގުޅިގެން ބަންޑާރަ ނައިބު ވިދާޅުވީ، އެކަން ކުރަން ގާނޫނަށް ބަދަލު ގެންނަން މި ހަފުތާގައި ހުށަހަޅުއްވާނެ ކަމަށެވެ.
އޮންލައިން ނޫސް ”ދައުރު“ އިން ބުނެފައިވަނީ ބަންޑާރަ ނައިބުގެ އޮފީހުން ތައްޔާރު ކޮށްފައިވާ އެ ބިލުގެ ފުރަތަމަ ޑްރާފްޓު ލިބިފައިވާ ކަމަށެވެ. އެބިލުގައިވާ ގޮތުން ވޭޕު ކުރުމަށް ބޭނުންކުރާ ތަކެތި ބޭނުންކުރާ މީހުންނާއި، ވިއްކާ މީހުންނާއި ހިލޭ ބަހާ މީހުންގެ އިތުރުން ޝަރުޢީ ގޮތުން ކުޑަކުދިންނަށް އެތަނެތި ދޭ މީހުންވެސް ޖޫރިމަނާ ކުރަން ނިންމާފައިވެއެވެ.
އެގޮތުން ވޭޕް ކުރާ މީހުން 5000 ރުފިޔާއިން ޖޫރިމަނާ ކުރުމަށް، ވޭޕް ވިއްކާ ނުވަތަ ހިލޭ ބަހައިފި މީހަކު، އެ ވިއްކި ނުވަތަ ހިލޭ ބެހި ކޮންމެ ސްޓިކެއް ނުވަތަ އައިޓަމަކަށް 20,000 ރުފިޔާއިން ޖޫރިމަނާ ކުރުމަށް އަދި ވޭޕް އަދި ވޭޕްކުރުމަށް ބޭނުންކުރާ އާލާތްތަކާއި އޭގެ ބައިބައި ކުޑަކުދިންނަށް ވިއްކި ނުވަތަ ދިން މީހަކު 50,000 ރުފިޔާއިން ޖޫރިމަނާ ކުރުމަށް ބިލުގައި ޑްރާފްޓު ކޮށްފައިވެއެވެ.



