ބޭންކިން އާއި މާލީ ދާއިރާއިން ހުނަރުވެރި ދިވެހި ޒުވާނުން ބިނާ ކުރުމަށް ބޭންކް އޮފް މޯލްޑިވްސް އިން ތައާރަފްކޮށްފައިވާ ސްކޮލަރޝިޕް ފަންޑަށް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
ބީއެމްއެލް އިން ހާމަކޮށްފައިވާ ގޮތުގައި މި ސްކޯލާޝިފްގެ ދަށުން ދަރިވަރުންނަށް ބޭންކިންގ އެންޑް ފައިނޭންސްގެ ރޮނގުން އެކައުންޓިންގ، ފައިނޭންޝަލް ޓެކްނޮލަޖީ، ފައިނޭންޝަލް އިންޖިނިއަރިންގ، ރިސްކް މެނޭޖްމަންޓް ނުވަތަ ފައިނޭންޝަލް ރިޕޯޓިންގ އެންޑް އެނަލެޓިކްސް ފަދަ ދާއިރާއަކުން އަންޑަރ ގްރެޖުއޭޓް ޕްރޮގްރާމެއް ފުރިހަމަ ކުރުމުގެ ފުރުސަތު ލިބިގެންދާނެއެވެ.
ފާއިތުވި ތިން އަހަރުވެސް ބީއެމްއެލް އިން މިސްކޯލާޝިޕް ފަންޑު ހުޅުވާލާފައިވާއިރު، މި އަހަރުވެސް ހުޅުވާލާފައިވާ ސްކޮލަރޝިޕްގެ ދަށުން ދަރިވަރުންގެ ހުރިހާ ހަރަދެއް ހިމެނޭހެން ރާއްޖޭން ބޭރުން މަތީ ތައުލީމު ހާސިލްކުރުމުގެ ފުރުސަތު 3 ދަރިވަރުންނަށް ލިބޭނެ ކަމަށް ބީއެމްއެލް ބުނެފައިވެއެވެ. އެގޮތުން، ޓިއުޝަން ފީ، މަހުން މަހަށް ހިނގާނެ ހަރަދު، ވިސާ ފީ، ފޮތް ގަތުމުގެ ހަރަދާއި އެސްޓަބްލިޝްމެންޓް އެލަވަންސްގެ އިތުރުން ޓިކެޓް ހަރަދު ވެސް މިފަންޑުގެ ދަށުން ހޯދައިދޭނެއެވެ.
ބީއެމްއެލްގެ ސްކޮލަރޝޕްގެ ދަށުން މިހާރުވެސް 6 ދަރިވަރަކު ދަނީ ރާއްޖެއިން ބޭރުގައި މިވަގުތު މަތީ ތައުލީމް ހާސިލްކުރަމުންނެވެ.
ބީއެމްއެލްއިން ވަނީ މިފަންޑަށް އެދި ހުށަހަޅާ ފަރާތްތަކުން އެޕްލިކޭޝަން ފޯމާއި ބޭނުންވާ އިތުރު ލިޔުންތަކާއެކު 10 ނޮވެންބަރު 2024 ގެ ނިޔަލަށް scholarships@bml.com.mv އަށް އީމެއިލް މެދުވެރިކޮށް ހުށަހެޅުމަށް އެދިފަ އެވެ.


