އިންޑިއާ އިން ހަދިޔާކޮށްފައިވާ ޑޯނިއާ މަތިންދާބޯޓު ދުއްވުމުގެ ލައިސެންސް އޮތް ޕައިލެޓަކު މިވަގުތު އެމްއެންޑީއެފްގައި ނެތް ކަމަށް ޑިފެންސް މިނިސްޓްރީން ބުނެފިއެވެ.
މައުލޫމާތު ހޯދާ ލިބިގަތުމުގެ ގާނޫނުގެ ދަށުން ރާއްޖޭގެ އޮންލައިން ނޫހެއްކަމަށްވާ ’މިހާރު ނޫހުން‘ ދިވެހި އޮފިސަރުން އެއްވެސް ވަރަކަށް ޑޯނިއާ ދުއްވިތޯ ސާފުކުރަން ޑިފެންސް މިނިސްޓްރީއަށް ހުށަހެޅުމުން އެމިނިސްޓްރީން ފުރަތަމަ ބުނީ އެމައުލޫމާތަކީ ގައުމީ ސަލާމަތަށް ނުރައްކާ މައުލޫމާތެއް ކަމަށާއި އެހެންކަމުން އެމައުލޫމާތު ހާމަނުކުރެވޭނެ ކަމަށެވެ.
އެހެންނަމަވެސް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އެންގެވުމަކަށް އެމިނިސްޓްރީން ވަނީ އެ ނިންމުން ބަދަލުކޮށްފައެވެ. އެގޮތުން ޑިފެންސް މިނިސްޓްރީން ފޮނުވި ޖަވާބުގައި ބުނެފައި ވަނީ ޑޯނިޔާ ދުއްވުމަށް ދިވެހި ސިފައިންގެ ހަތަރު މީހަކު ތަމްރީނު ހެދި ކަމަށާއި އޭގެ ތެރެއިން އެއް ޕައިލެޓަކު އޮގަސްޓު 2022 ގައި އެމްއެންޑީއެފް އިން ވަކިވެފައިވާކަމަށާއި ދެ ވަނަ އޮފިސަރު ވެސް އޮގަސްޓު 2023 ގައި ވަކިވެފައިވާ ކަމަށެވެ.
މީގެއިތުރުން މިނިސްޓްރީ ބުނީ ތަމްރީނު ހެދި އަނެއް ދެ އޮފިސަރުން އެމްއެންޑީއެފްގެ ވަޒީފާގައި ތިބި ނަމަވެސް އެ ދެ އޮފިސަރުންގެ ރޭޓިން ހަމަވެފައިވާ ކަމަށެވެ. އަދި މި ވަގުތު އެމްއެންޑީއެފްގެ ޕައިލެޓުން ޑޯނިއާ މަތިންދާބޯޓު ދުއްވަމުން ނުދުއްވާ ކަމަށްވެސް އެމްއެންޑީއެފުން ވަނީ ބުނެފައެވެ.
ޑިފެންސް މިނިސްޓްރީން ވަނީ މި ވަގުތު އެމްއެންޑީއެފްގެ ޕައިލެޓުން ޑޯނިއާ މަތިންދާބޯޓު ދުއްވަމުން ނުދާ ކަމަށްވެސް ބުނެފަ އެވެ.




