ސަރުކާރުގެ ސިޔާސީ މަގާމުތަކާއި، ސަރުކާރުގެ ކުންފުނިތަކަށް 7،000 ވުރެއް މުވައްޒަފުން ނެގި ކަމަށް ބުނެ އަދަދު ނޫހުން ޝާއިއު ކުރި ޚަބަރު ރައީސް އޮފީހުގެ ސްޕޯކްސްޕާސަން ހީނާ ވަލީދު ދޮގު ކުރައްވައިފިއެވެ.
ހީނާ ވިދާޅުވީ މިސަރުކާރުން 7000 އަށް ވުރެއް ގިނަ ވަޒީފާ ދީފައިވާ ކަމަށް ބުނެ އަދަދު ނޫހުން ޝާއިއު ކޮށްފައިވާ ޚަބަރަކީ ބުހުތާނު ދޮގު ޚަބަރެއް ކަމަށެވެ.
ހީނާ ވިދާޅުވީ މިފަދަ ދޮގު ހަބަރު ލިޔަނީ، ރައްޔިތުންނަށް ކަމުގެ ހަގީގަތް އޮޅުވާލަން ކަމަށާއި، ހިޔާލަށް އަންނަހާ ވާހަކައެއް އެއްވެސް ހަގީގަތެއް ބަލައިލުމެއް ނެތި ފެތުރުމަކީ ޒިންމާދާރު ނޫސްވެރިކަމެއް ނޫން ކަމަށެވެ.
”މިފަދަ ދޮގު ހަބަރު ލިޔަނީ، ސަރުކާރުގެ ހަރަދުތައް ކުޑަކުރެއްވުމަށާ، މިދިޔަ 5 އަހަރު ގައުމު ވައްޓާލާފައި އޮތް ދަރަނީގެ އަނދަވަޅުން ގައުމު ސަލާމަތްކުރައްވަން ރައީސުލްޖުމްހޫރިއްޔާ ކުރައްވާ މަސައްކަތްޕުޅު ދިވެހި ރައްޔިތުން ބަލައިގަންނާތީ، ކަމުގެ ހަގީގަތް އޮޅުވާލަން“ ހީނާ ވަލީދު ވިދާޅުވިއެވެ.
މީގެއިތުރުން ހަމައެކަނި ސަރުކާރު ކުންފުނިތަކަށް ބެލުމުންވެސް 2023 ވަނަ އަހަރުގެ ފަހު ކުއާޓާއަށް ވުރެ 2024 ވަނަ އަހަރުގެ ފުރަތަމަ ކުއާޓާގައި ސަރުކާރު ކުންފުނިތަކުގެ މުވައްޒަފުންގެ އަދަދު 1000 އަށްވުރެ މަދުވެފައިވާކަން ޕީސީބީއިން ހާމަކޮށްފައިވާ ހިސާބުތަކުން ހާމަވެގެން ދާކަމަށް ވެސް ހީނާ ވިދާޅުވިއެވެ.
ހީނާ މިހެން ވިދާޅުވެފައިވާއިރު، ރައީސް ޑރ. މުހައްމަދު މުޢިއްޒު ވަނީ ދައުލަތުގެ ހަރަދު ކުޑަކުރެއްވުމުގެ ގޮތުން ސަރުކާރުގެ އެކި ވުޒާރާތަކުގައި ތިބި 228 ސިޔާސީ މުވައްޒަފުން ވަކި ކުރަން ނިންމަވާފައެވެ. އެމަނިކުފާނު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އެކަން އިއުލާން ކުރައްވާ ވިދާޅުވީ ވަކިކުރާ ސިޔާސީ މުވައްޒަފުންގެ ތެރޭގައި ހިމެނެނީ 7 ސްޓޭޓު މިނިސްޓަރުން، 43 ޑެޕިއުޓީ މިނިސްޓަރުން، 109 ސީނިއާ ޕޮލިޓިކަލް ޑައިރެކްޓަރުން އަދި 69 ޕޮލިޓިކަލް ޑިރެކްޓަރުން ހިމެނޭ ކަމަށެވެ.



