ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) ގެ ކުރީގެ ރަންވޭއާއި މިހާރުގެ ޓެލްސީވޭ މަރާމާތު ކުރުމަށް ޗައިނާގެ ކުންފުންޏެއް ކަމަށްވާ ބެއިޖިން އާބަން ކޮންސްޓްރަކްޝަން ގްރޫޕް (ބީޔޫސީޖީ) އާ މިއަދު ހަވާލުކޮށްފިއެވެ.
މިކުންފުންޏަކީ ވީއައިއޭ އިތުރަށް ތަރައްގީ ކުރުމުގައި މުހިންމު ރޯލެއް އަދާކުރި ކުންފުންޏެކެވެ.
ބީޔޫސީޖީ އާއި ހަވާލުކުރި މި މަޝްރޫޢުއަށް ދީފައިވާ ނަމަކީ ”ޓެކްސީވޭ ޗާލީ ރީބިލްޑް“ އެވެ. ޒަމާނީ ފެންވަރަށް ކުރިއަށްގެންދާ މި މަޝްރޫޢުގައި، ރަންވޭ މަރާމާތުކޮށް ނިމޭއިރު 3،200 މީޓަރު ހުންނާނެއެވެ. ޕެރެރަލް ޓެކްސީވޭ އެއްގެ ގޮތުގައި ތަރައްގީކުރާ މި ރަންވޭގެ މަސައްކަތް ނިންމުމަށް ދީފައިވާ މުއްދަތަކީ 2027 ވަނަ އަހަރުގެ މެދުތެރެއާ ހަމައަށެވެ.
ވީއައިއޭގެ ރަންވޭ ތަރައްގީ ކުރުމުގެ މި މަސައްކަތުގެ އަމަލީ މަސައްކަތް ފެށުމަށް ހަމަޖެހިފައިވަނީ އަންނަ މަހުއެވެ.
އެއާޕޯޓުގެ ކުރީގެ ރަންވޭ ހެދީ 1976 ވަނަ އަހަރުއެވެ. އެ ރަންވޭ ބޭނުން ކުރުން ހުއްޓާލީ، އެއާޕޯޓުގައި ޒަމާނީ ފެންވަރުގެ ރަންވޭއެއް އެޅުމުންނެވެ.




