ސްޕޯޓްސް ކާރަކުން ޖެހި މިދިޔަ މަހުގެ 6ވަނަ ދުވަހުގެ ރޭ ދަންވަރު 2:00 ހާއިރު ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި މަރުވި ޙަސަން ސަމާހުގެ މަރުގެ މައްސަލައިގައި، ކާރު ދުއްވަން އިން ސ. ހިތަދޫ ވައިލެޓްފެހި / މުޙައްމަދު ވިސާމް ސިދުގީ (26އ.) ޝަރީއަތް ނިމެންދެން ބަންދު ކުރަން ނިންމީ ރަނގަޅަށް ކަމަށް ހައިކޯޓުން ނިންމައިފިއެވެ.
ބާރު ސްޕީޑުގައި ވިސާމް ދުއްވަން އިން ސްޕޯޓްސް ކާރުން ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓުގެ ސަބަބުން ސަމާހު މަރުވީ ހުޅުމާލޭ ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށް ހަމައެދުވަހުއެވެ.
ކާރު ދުއްވަން އިން ވިސާމް އަތުގައި ކާރު ދުއްވުމުގެ ލައިސެންސް ނޯންނަކަމަށް ފުލުހުން ކުރި ތަހުގީގަށްފަހު ވިދާޅުވެފައިވެއެވެ. އަދި ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓުން އެއިރު ވަނީ ނިންމާފައެވެ. ނަމަވެސް އޭނާ ބަންދު ކޮށްފައިވަނީ އުސޫލާއި ޚިލާފަށް ކަމަށް ބުނެ އެއަމުރު ބާތިލު ކޮށްދިނުމަށް އެދި ވިސާމްގެ ފަރާތުން ވަނީ ހައިކޯޓަށް ހުށަހަޅާފައެވެ.
އެގޮތުން ވިސާމްގެ ފަރާތުން ބުނެފައިވަނީ ހުޅުމާލޭގައި މިވަގުތު ކްރިިމިނަލް ކޯޓުގެ ޑިވިޝަނެއް ހުންނާތީ ޖިނާއީ ތަބީއަތުގެ މައްސަލައެއް ބެލުމުގެ އިހްތިސާސް ހުޅުމާލެ ކޯޓަށް މިހާރު ނުލިބޭނެ ކަމަށާއި އޭނާގެ މައްޗަށް ކުރަނީ ގަސްތު މަރުގެ ތުހުމަތު ކަމަށްވާއިރު މެޖިސްޓްރޭޓް ކޯޓަކީ އެފަދަ މައްސަލަތައް ބެލުމުގެ އިހްތިސާސް ލިިބިގެންވާ ކޯޓެއް ނޫން ކަމަށެވެ. އަދި މީގެއިތުރުން ކޯޓުން ގޮތެއް ނިންމާއިރު އެ ނިންމުމަށް ވާސިލުވީ ސަބަބު ލިއުމުން ބަޔާންކުރަން ޖެހުނު ނަމަވެސް، ބަންދު އަމުރު ނެރުމުގެ އިހްތިސާސް އެ ކޯޓަށް ލިބިގެންވާ ކަމަށް ނިންމި ސަބަބު ލިއުމުން އޭނާއާ ހަވާލުކޮށްފައި ނުވާ ކަމަށް ވެސް ބުނެފައިވެއެވެ.
ނަމަވެސް ހައިކޯޓުން މިމައްސަލަ ބެލުމަށްފަހު މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ ތެރެއިން ދެ ފަނޑިޔާރުންގެ އަގުލަބިއްޔަތުން ނިންމެވީ ހުޅުމާލެ ކޯޓުން ވިސާމުގެ ބަންދު އަމުރު ނެރެފައިވަނީ ރަނގަޅަށް ކަމަށާއި އެ އަމުރު ބާތިލުކުރަން ނުޖެހޭ ކަމަށެވެ.



