ހަމަޔަގީނުންވެސް މިދުވަސްކޮޅު ގިނަ ބަޔަކު އެންމެ ގިނައިން ދައްކާ އެއްވާހައަކީ ރާއްޖޭގައި ވޭޕް ބޭނުން ކުރުމާއި، ވިއްކުމާއި އަދި އެތެރެކުރުން ވެސް މަނާ ކުރަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނިންމެވި ނިންމެވުމުގެ ވާހަކައެވެ.
ގިނަ ބަޔަކު ނުހަނު ”ކޫލް“ ކަމެއް ކަމަށް ދެކޭ، އަދި ހަމައެހެންމެ ސިއްޙަތައް މާބޮޑު ގެއްލުމެއް ނުވާނެ ކަމެއް ކަމަށާއި ”ދުންކޮޅެއް އަރުވާލަން ޚަރަދު ކުޑަ ގޮތެއް“ ކަމުގައި ދެކިގެން ކުރަމުންދާ މިކަން ކުއްލިއަކަށް މަނާ ކުރުން ވެގެން ގޮސްފައިވަނީ ބައެއް މީހުން އެކަމާ މާޔޫސްވެ، ހިތްހަމަ ނުޖެހި އަދި އެކަމާ ނުރުހުން ވެސް ފާޅުކުރާ ކަމެއް ކަމުގައެވެ. ނަމަވެސް އެއީ ބައެއް މީހުންނެވެ. ވޭޕް ކުރުމުން ލިބޭ ގެއްލުން ފުރިހަމައަށް ނުވިސްނޭ މީހުންނެވެ.
ވޭޕް ކުރުމަކީ މިހާރު ހަމައެކަނި ފުރާވަރު ކުދިން، ނުވަތަ ޒުވާނުން އެކަނި ކުރަމުން އަންނަ ކަމެއް ނޫނެވެ. ބޮޑުވަމުން އަންނަ އަޅުގަނޑުމެންގެ ޅަދަރީން ވެސް މީގެ އަވައިގައި ޖެހި، އަމިއްލަ ނަފްސު ހަލާކެއްގެ ތެރެއަށް ވައްޓާލަމުން އަންނަކަން ވަރަށް ބޮޑަށް ފާހަގަވެއެވެ. ސްކޫލްތަކުގައި ވެސް ބައެއް ކުޑަކުދިން ”ކޫލް“ ވުމަށް ނުވަތަ އެހެންކުދިންނާ/ގޭންގާއި އެކުވެގެން ކުރާ މި ނޭދެވޭ ކަންތަކުގެ ސަބަބުން ޖީލެއް ފެށުމުގެ ކުރިން ހަލާކުގެ ތެރެއަށް ވެއްޓިގެން ދެއެވެ.
ވޭޕް ކުރުން ހުއްޓާލަންވީ އެންމެ ބޮޑު ސަބަބަކީ، އަބަދުވެސް ބުނަމުން އަންނަ ފަދައިން، އެއީ ސިއްޙަތައް ގެއްލުންދޭ އެއްޗަކަށް ވާތީއެވެ. ތިމާ އެންމެ ލޯބިން ގެންގުޅެންޖެހޭ ތިމާގެ ހަށިގަނޑަށް ޖިސްމާނީ އަދި ނަފްސާނީ ގޮތުން ވެސް އެކިކަހަލަ ގެއްލުންތަކެއް ތިއަރުވާލާ ދުންކޮޅުން ލިބޭތީއެވެ.
މިކަމާ ބެހޭގޮތުން ބައެއް ފަރާތްތަކުން ބުނަނީ ކީކޭތޯ ބަލާލަމާ ހިނގާށެވެ؟
”ޕީއެސްއެމް“ އަށް ދާދިފަހުން ބަސްދީގަތުމެއް ދިން ސިއްޙީ ޚިދުމަތްތެރިއެއް ބުނީ ރައީސްގެ މި ނިންމުމަކީ ވަރަށް ރަނގަޅު ނިންމުމެއް ކަމުގައި އޭނާއަށް ފެންނަ ކަމަށެވެ. އޭގެ ހެޔޮ ބަދަލުތައް ފެންނާނެކަމަށް ޔަގީންކުރާ ކަމުގައި ވެސް އޭނާ ބުންޏެވެ.
މީގެއިތުރުން އައިޖީއެމްއެޗްގެ އެތެރެހައްޓާ ބެހޭ ޚާއްސަ ޑޮކްޓަރު، ޑރ. މުޙައްމަދު ޢަލީ ވެސް ވަނީ މިކަމާ ބެހޭގޮތުން ވާހަކަ ދައްކާ، ވޭޕް ކުރުމުން ލިބޭ ގެއްލުމުގެ ވާހަކަ ކުރުގޮތަކަށް ކިޔައިދީފައެވެ. އެގޮތުން ތަފާތު މާއްދާތައް އެކުލެވިގެންވާ ލިކުއިޑްތައް ވޭޕްގައި ބޭނުންކުރާ ކަމަށް ޑރ. މުހައްމަދު އަލީ ވިދާޅުވިއެވެ. އަދި އޭގެ އެކިކަހަލަ ފްލޭވަރ ތަކުން ތަފާތު ގެއްލުން ލިބޭ ކަމަށާއި މިސާލަކަށް މިންޓު ފްލޭވަރ އިން ނޭވާލާ ނިޒާމަށް ގެއްލުންވާނެ ކަމަށް ވެސް ވިދާޅުވެފައިވެއެވެ.
ބޭރުގެ ރިޕޯޓުތަކަށް ބަލައިލާއިރު ވެސް ވޭޕް ކުރުމުގެ ނުރައްކަލުގެ ވާހަކަ ހިމެނޭ ރިޕޯޓުތައް މަދެއް ނޫނެވެ. އެގޮތުން ”ކްލީވް ލޭންޑް ކްލިނިކް“ އިން ލިޔެފައިވާ ރިޕޯޓެއްގައި ބުނެފައިވަނީ ވޭޕް ކުރުމުގެ ސަބަބުން ފުއްޕާމޭ ދުޅަވެ، ނޭވާލާން އުނދަގޫވާނެ ފަދަ އެތައް ކަމެއް ވާނެ ކަމަށެވެ. މިކަމުގެ ސަބަބުން ފުއްޕާމޭ ހަލާކުވާނެ ކަމަށާއި ނޭވާލާ ނިޒާމުގެ ހޮޅިތައް ހިމަވާން ފަށާނެ ކަމަށް ވެސް އެރިޕޯޓުތަކުގައި ބުނެފައިވެއެވެ.
ވޭޕަކީ އެއަށް ވަރަށް ފަސޭހައިން އެޑިކްޓު ކުރުވާ އެއްޗެކެވެ. އޭތި ހަދާފައި ހުންނަ ގޮތާއި، ރަހަތަކުގެ ސަބަބުންނެވެ. ގިނަ ބަޔަކު ކުރާކަމަކަށް ވާތީ އެ ”ކޮމިއުނިޓީ“ ތެރެއަށް ވަންނަން ވެސް ބޭނުންވާތީއާ އެއްކޮށެވެ. އެކަން ނުކޮށްފިނަމަ ނުވަތަ ހުއްޓާލައިފިނަމަ ވަކި ބަޔަކު ތިމާ ބަލައިނުގަނެފާނެއޭ، ޖޯކު ޖަހާފާނެއޭ ހީވެގެން ވެސް މިކަން ކުރާ މީހުން މަދެއް ނޫނެވެ. މީގެއިތުރުން، ވޭޕް ހުއްޓާލައިފިއްޔާ ދިރިއުޅުމުގެ ކަންތައްތަކާ ކުރިމަތިލާނީ ކިހިނެއް ބާއޭ، ބޯގޮވުން ހުއްޓުވާނީ ކިހިނެއްބާއޭ ހިތައް އަރާ މާޔޫސްވެގެން ވެސް މިކަން ކުރާ މީހުން މަދެއް ނޫނެވެ. އެހެންކަމުން ވޭޕްކުރުމުން ތިމާއަށް ނަފްސާނީ ގޮތުން ވެސް އެތައް އަސަރެއް އެބަކުރުވާ ނޫން ހެއްޔެވެ.
މުޅި ޖުމްލަކޮށް އެހެންކަމުން ބުނެވޭނީ، ވޭޕް ކުރުން ހުއްޓުވުމަށް ރައީސް އެޅި މިފިޔަވަޅަކީ ވަރަށް ވެސް މުހިންމު އަދި ފައިދާ ކުރުވަނިވި ނިންމުމެއް ކަމަށެވެ. ވޭޕަށް އެޑިކްޓުވެފައި ތިބި މީހުންނަށް މިކަމުގެ ފައިދާ އަދި މިހާރު ނުވިސްނިދާނެއެވެ. ނަމަވެސް ވޭޕް ނުކޮށް ހުންނަން ޖެހުމުން، ސިއްޙީ ގޮތުން ތިމާއަށް އަންނަން ފަށާ ހެޔޮ ބަދަލުތައް ފަހުން ފެންނާނެއެވެ. އަދި މިނޫންވެސް ފައިދާތައް ފަހުން ފެންނަންފަށާ، ރައީސްގެ މިނިންމުމަށް މަޖުބޫރުކަމެއް ނެތި، ފުރިހަމައަށް ތާއީދު ކުރާނެ ކަމަށް ވެސް ގަބޫލު ކުރެވެއެވެ. ޖީލެއް ހަލާކުވުމުން އެމަނިކުފާނު މިވަނީ ސަލާމަތް ކޮށްދެއްވާފައެވެ.


