ގދ. ނަޑެއްލާއަށް އިއްޔެ ކުރި ވިއްސާރައިގައި އުދަ އަރައި، ބައެއް ގެތަކަށް އުދައިގެ އަސަރު ކުރުމުގެ ސަބަބުން ފެނަކައިން އެހީތެރިކަން ފޯރުކޮށްދީފިއެވެ.
ނަޑެއްލާ ކައުންސިލުގެ ނައިބު ރައީސް ފައިސަލް ނަޖީބު ވިދާޅުވީ އިއްޔެ އެރަށަށް އެރި އުދައިގެ އަސަރު އެ ރަށުގެ ހަ ގެއަކަށް ކުރިކަމަށެވެ. ނަމަވެސް އުދައިގެ ސަބަބުން އެއްވެސް ގެއަކަށް ގެއްލުމެއް ލިބިފައިނުވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ފައިސަލް ވިދާޅުވީ އިއްޔެ މެންދުރު އުދަ އަރަންފެށި ކަމަށާއި، ރަށުގެ ދެކުނާއި އުތުރުން މުޅި ރަށް ވަށައިގެން ބޭރުމަގާ ހަމަޔަށް އޭގެ އަސަރު ކޮށްފައިވާ ކަމަށެވެ.
އެކަމުގެ ސަބަބުން ނަޑެއްލާ ރައްޔިތުންނަށް އެހީތެރިވުމުގެ ގޮތުން ނަޑެއްލާ ފެނަކަ ބްރާންޗުގެ މުވައްޒަފުން އިއްޔެ ވަނީ، އެރަށުގެ އެހެން ބައެއް މުއައްސަސާތަކާ ގުޅިގެން، ރަށުގެ ގެތަކުގައި ވެލިބަސްތާ ޖެހުމުގެ މަސައްކަތުގައި ހަރަކާތްތެރިވެފައެވެ. މިއީ ފެނަކަ ނަޑެއްލާ ބްރާންޗުގެ އެމަޖެންސީ ކޮންޓްރޯލް ޓީމުން އިސްނަގައިގެން ހިންގި މަސައްކަތެއް ކަމަށް ފެނަކައިން ބުނެފައިވެއެވެ.



