ހަކަތައިގެ ސިނާއަތު އިތުރަށް ފުޅާކުރުމަށް ޗައިނާގެ ކުންފުންޏަކާއެކު ސްޓެލްކޯއިން މުހިންމު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
ސްޓެލްކޯއިން ބުނީ، ހަކަތައިގެ ސިނާއަތުގައި ރާއްޖޭގައި މިހާތަނަށް ހިންގޭ އެންމެ ބިޔަ އަދި ބޮޑު މަޝްރޫއު ކުރިއަށް ގެންދިއުމަށް އެ ކުންފުންޏާއި، ޗައިނާގެ ޓީބީއީއޭ ގްރޫޕް ކޯ ލިމިޓެޑާ އެކު އިއްޔެ ފަހުމުނާމާއެއްގައި ސޮއިކޮށްފައިވާ ކަމަށެވެ.
މި ފަހުމުނާމާގެ ދަށުން 150 މެގަވޮޓްގެ ޑުއަލް ފިއުލް އިންޖީނުގެއަކާއިއެކު މާލެ، ވިލިމާލެ، ގުޅިފަޅު، އަދި ތިލަފުށި ގުޅުވައިދޭ ހައި ކެޕޭސިޓީ ޓްރާންސްމިޝަން ލައިނެއް ގާއިމް ކުރެވިގެންދާނެ ކަމަށް ވެސް ސްޓެލްކޯއިން ބުނެފައިވެއެވެ.
މިއެއްބަސްވުމާ ގުޅޭގޮތުން އިތުރަށް މައުލުމާތު ދެއްވަމުން ސްޓެލްކޯގެ މެނޭޖިންގް ޑިރެކްޓަރ ޙުސެއިން ފަހުމީ ވިދާޅުވީ ގްރޭޓަރ މާލެ ސަރަޙައްދުގައި މަސައްކަތްކުރާ ތަންތަނާއި މީހުން ދިރިއުޅޭ ތަންތަން ބޮޑުތަނުން އިތުރުވަމުން އަންނައިރު ބޭނުންވާ ކަރަންޓުގެ ޚިދުމަތް ދިނުމަށް މިފަދަ އިންޖީނުގެއަކަށް ވަރަށް ކުރިންސުރެ ބޭނުންވެފައިވާ ކަމަށެވެ. ވީމާ ކުރިމަތިވަމުން އަންނަ ކަރަންޓުގެ މައްސަލަތަކަށް މިއިންއިންޖީނުގޭގެ ސަބަބުން ޙައްލު ލިބިގެންދާނެ ކަމަށެވެ.




