އިޒްރޭލާއި ދެކޮޅަށް އެމްބަސީ ކައިރީގައި އަޑު އުފުލުމުގެ މައްސަލައިގައި އައިޝަތު ޝާދިޔާ ތިން ދުވަހަށް ބަންދުކުރީ ގާނޫނާ ހިލާފަށް ކަމަށް ހައިކޯޓުން ކުރި ހުކުމް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކޮށްފިއެވެ.
އެމްބަސީތައް ކައިރީގައި އިޒްރޭލާ ދެކޮޅަށް އަޑު އުފުލުމުގެ މައްސަލައިގައި މިއަހަރުގެ އޮގަސްޓު މަހުގެ 28 ވަނަ ދުވަހު ހައްޔަރުކޮށްފައި ވަނީ މަޝްހޫރު ދީނީ ޢިލްމުވެރިޔާ ޑރ. މުހައްމަދު އިޔާޒް އަބްދުއްލަތީފްގެ އަނބިކަނބަލުން ޝާދިޔާ އާއި ޑރ. ޝަޒްރާ އިބްރާހީމްއެވެ.
މިމައްސަލައިގައި އެދެމީހުން ހައްޔަރުކުރުމަށްފަހު ދެފަހަރުމަތީން އެމީހުންގެ ބަންދުގެ މުއްދަތު އިތުރު ކުރިއެވެ. އަދި ނިމިދިޔަ ސެޕްޓެމްބަރު މަހުގެ 5 ވަނަ ދުވަހު އެމީހުން ދުކޮށްލުމުން ޝާދިޔާ ވަނީ އޭނާ ބަންދުގައި ބަހައްޓާފައި ވަނީ ގާނޫނާއި ޚިލާފަށްކަމަށް ކަނޑައަޅައިދިނުމަށް އެދި މިދެއަމުރު ހައިކޯޓުގައި އިސްތިއުނާފު ކޮށްފައެވެ.
ހައިކޯޓުން މިމައްސަލައިގައި ޙުކުމްކުރަމުން ބުނެފައިވަނީ ޝާދިޔާ ބަންދުކުރީ މުޖުތަމައުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެތީ ކަމަށް ކްރިމިނަލް ކޯޓުން ނިންމި ނަމަވެސް، އެގޮތަށް ކްރިމިނަލް ކޯޓުން ނިންމީ ކީއްވެގެންކަން ސާފު ނުވާ ކަމަށާއި ޝާދިޔާގެ މައްޗަށް ތުހުމަތުކުރެވޭ މިންވަރެއްގެ ހެކި ހުއްޓަސް، އޭނާ ބަންދު ކުރަން ޖެހޭ ހާލަތެއް އޮތް ކަމަށް ނިންމީ ގާނޫނާ ހިލާފަށް ކަމަށެވެ.
މި މައްސަލަ ބެއްލެވި ހައިކޯޓުގެ ތިން ފަނޑިޔާރުންގެ އަޣުލަބިއްޔަތުން ޙުކުމް ކުރެއްވީ ޝާދިޔާ ތިން ދުވަހަށް ބަންދުކުރަން ކްރިމިނަލް ކޯޓުން ކުރި އަމުރު ބާތިލްކުރެއްވުމަށެވެ.
ސުޕްރީމް ކޯޓުގެ ރެޖިސްޓްރީން ދައްކާ ގޮތުގައި ޝާދިޔާ ބަންދު ކުރަން ނިންމީ ގާނޫނާ ހިލާފަށް ކަމަށް ހައިކޯޓުން ނިންމި ނިންމުން ވަނީ އިސްތިއުނާފު ކުރުމަށް ޕީޖީ އޮފީހުން ހުށަހަޅާފައެވެ. ޕީޖީ އޮފީހުން އެމައްސަލަ ހުށަހަޅާފައިވަނީ މިދިޔަ ބުރާސްފަތި ދުވަހެއެވެ. ނަމަވެސް މި މައްސަލަ ބަލައިގަތުމާމެދު މަތީ ކޯޓުން އަދި ވަކި ގޮތެއް ނުނިންމައެވެ.



