ރާއްޖޭގައި ވޭޕް ބޭނުން ކުރުމާއި ވިއްކުން މަނާ ކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނިންމެވި ނިންމެވުމަށް ދުނިޔޭގެ ސިއްޙަތާބެހޭ ޖަމިއްޔާ (ޑަބްލިޔުއެޗްއޯ) އިން ތައުރީފުކޮށް މަރުހަބާ ކިޔައިފިއެވެ.
އެގޮތުން ޑަބްލިޔުއެޗްއޯ އިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ވޭޕް ކުރުމުގެ އާދައަކީ ޅަފުރައިގެ ކުޑަކުދިން ގައިގައި ވެސް މިހާރު އަށަގެންފައިވާ ވަރަށް ނޭދެވޭ އަދި އެހާމެ ނުރައްކާތެރި އާދައެއް ކަމަށެވެ. އެހެންކަމުން އެކަން ހުއްޓުވުމަށްޓަކައި ވޭޕް މަނާ ކުރުމަކީ ރާއްޖެއިން އެޅި ވަރަށް ހަރުދަނާ ފިޔަވަޅެއް ކަމަށް ވެސް ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ބުނެފައިވެއެވެ.
މިމަހުގެ 14 ވީ ހޯމަ ދުވަހު ރައީސް މުޢިއްޒު ނިންމެވީ އަންނަ މަހުގެ 15 އިން ފެށިގެން ވޭޕްކުރުމަށް ބޭނުންކުރާ ތަކެއްޗާއި އެ ތަކެތީގެ ވަކިވަކި ބައިތައް ރާއްޖެއަށް އެތެރުކުރުން މަނާކުރުމަށާއި ރާއްޖޭގައި ވޭޕްކުރުމަށް ބޭނުންކުރާ ތަކެތި ބޭނުންކުރުމާއި ގެންގުޅުމާއި އުފެއްދުމާއި ވިއްކުމާއި ރާއްޖޭގައި އިޝްތިހާރު ކުރުމާއި ހިލޭ ބެހުން އަންނަ 15 ޑިސެމްބަރުން ފެށިގެން މަނާކުރުމަށެވެ.
ރައީސްގެ މި ނިންމެވުމަށް ތާއީދު ކުރައްވާ ޑަބްލިޔުއެޗްއޯ އިން ނެރުނު ބަޔާނުގައި ވަނީ ރާއްޖޭގައި ވޭޕްކުރުމުގެ ހާލަތު އޮތް ގޮތަށް އަލިއަޅުވާލާފަ އެވެ.
އެގޮތުން، 2019 ވަނަ އަހަރު ހެދި ’ގްލޯބަލް ޔޫތު ޓޮބޭކޯ ސާވޭ’އާ ހަވާލާދީ ބުނީ އެ ބަޔާނުގައި ބުނެފައިވަނީ، އުމުރުން 13 އަހަރާއި 15 އަހަރާ ދެމެދުގެ ކުދިންގެ ތެރެއިން %23.1 ފިރިހެން ކުދިން އަދި %10.7 އަންހެން ކުދިން އީ-ސިގިރޭޓް ބޭނުން ކުރާ ކަމަށެވެ.
އޭގެ އިތުރުން މި ސަރަހައްދުގެ އެހެން ގައުމުތަކުގެ ޒުވާނުންގެ މެދުގައި ވެސް، އެކި ބާވަތްތަކުގެ އިލެކްޓްޓްރޯނިކް ސިގިރޭޓް ބުއިން ކަންބޮޑުވާ ދަރަޖައަށް އިތުރުވަމުން އެބަދާކަން ވެސް ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ފާހަގަ ކޮށްފައިވެއެވެ.




