ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ދަނީ ދައުލަތަށް ލިބޭ އާމްދަނީ އިތުރުކުރުމުގެ އިތުރުން ޚަރަދު ކުޑަ ކުރުމަށް ވެސް ފިޔަވަޅުތަށް އަޅަމުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު ވިދާޅުވެއްޖެއެވެ.
މިއަދުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވާހަކަފުޅު ދައްވަމުން މެންބަރު ޝުޖާއު ވިދާޅުވީ ރައީސް މުޢިއްޒު އެގޮތުން އެންމެ ފުރަތަމަ ވެސް ފެއްޓެވީ ދައުލަތުން ކުރާ ބޭކާރު ޚަރަދުތައް ކުޑަ ކުރުމުގެ މަސައްކަތް ކަމަށާއި އެކަން އެމަނިކުފާނު ގެންދަވަނީ ހުރިހާ ރައްޔިތުން ކުރިމަތީގައި ސާބިތުކަމާއެކީ ކުރައްވަމުން ކަމަށެވެ.
”އޭގެތެރޭގައި އަޅުގަނޑު ވަކިން ޚާއްސަކޮށް ފާހަގަ ކޮށްލަން ބޭނުން ދައުލަތުގެ ހުރިހާ ވުޒާރާތަކަށް ޚަރަދު ކުޑަ ކުރުމުގެ ގޮތުން އަޅުއްވަން ޖެހޭ އިސްލާހީ ފިޔަވަޅުތައް ވަގުތުން ވަގުތަށް އެޅުމަށް އެންގެވުމާއި އަދި ޢަމަލީ ގޮތުން އެކަންކަން ތަންފީޒު ކުރުމަށްޓަކައި ބާރު އަޅަމުންގެންދާ މަންޒަރު އަޅުގަނޑުމެންނަށް ފެނިގެން އެބަދޭ“ މެންބަރު ޝުޖާއު ވިދާޅުވިއެވެ.
މީގެއިތުރުން ޝުޖާއު ވިދާޅުވީ ވަކިން ޚާއްސަކޮށް ދައުލަތަށް ލިބޭ އާމްދަނީ އޭގެ އެންމެ ރަނގަޅު ގޮތުގައި ހޭދަ ކުރުމަށް ރައީސް މުޢިއްޒު އިސްކަންދެއްވާ މަންޒަރު ފެނިގެންދާ ކަމަށެވެ.



