ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓު އުވާލައި، އެކަމަށްޓަކައި ގާނޫނަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމުގެ މަސައްކަތް ބަންޑާރަނައިބު (އޭޖީ) އޮފީހުން ފަށައިފިއެވެ.
މިފަދައިން ގާނޫނަށް ބަދަލު ގެންނަން ބަންޑާރަ ނައިބު އޮފީހުން ނިންމާފައި މިވަނީ މާލެ ސަރަހައްދުގައި ސުޕީރިއާ ކޯޓުތައް ހުރެފައި ހުޅުމާލޭގައި މެޖިސްޓްރޭޓް ކޯޓެއް ހުރުމުން ގޮންޖެހުންތަކެއް ހުރިކަން ހައިކޯޓުން އިއްޔެ ކުރި ހުކުމެއްގައި ބުނެފައި ވަނިކޮށެވެ.
އެގޮތުން ހައިކޯޓުގެ ހުކުމުގައި ފާހަގަކޮށްފައިވާ މުހިންމު ކަންތައްތަކަކީ މާލޭގައި ސުޕީރިއާ ކޯޓުތަކެއް ހުއްޓައި ހުޅުމާލޭގައި ވަކި މެޖިސްޓްރޭޓް ކޯޓެއް ހުރުމަކީ ގިނަ މައްސަލަތަކެއް ފެންމަތިވާ ސަބަބެއް ކަމަށާއި ހުޅުމާލޭގައި މެޖިސްޓްރޭޓް ކޯޓުގެ އިތުރަށް ކްރިމިނަލް ކޯޓުގެ ބައެއް ހިންގާތީ ފުށުއެރުންތަކެއް ފާހަގަވި ނަމަވެސް މެޖިސްޓްރޭޓް ކޯޓުގެ އިހުތިސޯސާ މެދު ސުވާލު އުފެއްދެން ނެތް ކަމަށެވެ. އަދި ހުޅުމާލެ ކޯޓަކީ ސައްހަ ކޯޓެއް ކަމަށް ސުޕްރީމް ކޯޓުން 2012ގައި ކަނޑައަޅާފައިވާތީ އެ ކޯޓުގެ ނިންމުމެއްގައި ގޯހެއް ނެތް ނަމަ ސައްހަ ނިންމުމެއް ގޮތުގައި ބަލަން މަޖުބޫރުވާކަން ވެސް ހައިކޯޓުގެ ހުކުމުގައި ފާހަގަ ކޮށްފައިވެއެވެ.
މިކަމާ ގުޅޭގޮތުނ ް ”ސައުވީސް“ އަށް މައުލޫމާތު ދެއްވަމުން ބަންޑާރަ ނައިބު އަހުމަދު އުޝާމް ވިދާޅުވީ، ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓަކީ ކޯޓުތަކާ ބެހޭ ގާނޫނާ އެއްގޮތަށް އޮތް ކޯޓަކަށް ނުވާތީ، އެގާނޫނަށް އިސްލާހު ގެނައުމަށްފަހު ހުޅުމާލޭ ކޯޓު އުވާލުމަށް މަޖިލިހަށް ހުށަހަޅަން ބިލެއް ޑްރާފްޓު ކުރުމުގެ މަސައްކަތް މިހާރު ބަންޑާރަ ނައިބު އޮފީހުން ކުރައްވަމުން ގެންދަވާ ކަމަށެވެ. އަދި އެ ބިލު ވީހާވެސް އަވަހަށް ހުށަހެޅޭތޯ މަސައްކަތް ކުރައްވާނެ ކަމަށް ވެސް ވިދާޅުވިއެވެ.




