ހުޅުމާލޭ ދެވަނަ ފިޔަވަހީގެ އިންޓަގްރޭޓެޑް ޓޫރިޒަމް ޒޯން، އާބަން އައިލްގައި މަތީފަންތީގެ ތިން ހޮޓެލް ތަރައްގީކޮށް ހިންގަން ޝައުގުވެރިވާ ފަރާތްތަކުން އެކްސްޕްރެޝަން އޮފް އިންޓްރެސްޓް (އީއޯއައި) ހުށަހެޅުމުގެ ފުރުސަތު މިއަދު ހައުސިންގް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ހުޅުވާލައިފިއެވެ.
މިކަމާ ގުޅޭގޮތުން އެޗްޑީސީން މިއަދު ކުރި އިއުލާނެއްގައި ބުނެފައިވަނީ މި ހޮޓެލްތަކަކީ އެންމެ ޒަމާނީ ވަސީލަތްތަކާއެކު ފެންވަރު ރަނގަޅު ހިދުމަތް ދެވޭ ގޮތަށް، ރާއްޖެ ޒިޔާރާތްކުރާ ފަތުރުވެރިންނަށް ހާއްސަކޮށްގެން ތަރައްގީކުރާ މަތީ ފަންތީގެ ހޮޓެލްތަކެއް ކަމަށެވެ.
އެގޮތުން، އެ މަޝްރޫއު ދޫކުރުމުގައި އިސަކަންދޭނީ ލޭންޑް ލީސް މޮޑެލްއަށް ކަމަށާއި ނަމަވެސް، ހުށަހަޅާ އީއޯއައިތައް އެހެން މޮޑެލްތަކަށް ވެސް ހުށަހެޅިދާނެ ކަމަށް ވެސް އެ ކޯޕަރޭޝަނުން ބުނެފައިވެއެވެ.
އެޗްޑީސީން ބުނި ގޮތުގައި އެއް ފަރާތަށްވުރެ ގިނަ ފަރާތުން އެ މަޝްރޫއުތަކަށް ޝައުގުވެރިކަން ފާޅުކޮށް ޕްރޮޕޯސަލް ހުށަހަޅައިފިނަމަ މަޝްރޫއު ހަވާލު ކުރާނީ އެންމެ ފުރިހަމަ ޕްރޮޕޯސަލް ހުށަހަޅާ ފަރާތަކަށެވެ. އީއޯއައިތައް އިވެލުއޭޓް ކުރުމުގައި ބަލާނެ ކަންތައްތަކުގެ ތެރޭގައި ޕްރޮޕޯސްކޮށްފައިވާ ބިޒްނަސް މޮޑަލްއާއި، އޮޕަރޭޓަރުގެ އެކްސްޕީރިއެންސް ހިމެނޭ ކަމަށް ވެސް ބުނެފައިވެއެވެ.
އެހެންކަމުން، އާބަން އައިލްގައި ހޮޓެލް ތަރައްގީކޮށް ހިންގަން ޝައުގުވެރިވާ ފަރާތްތަކުން އީމެއިލް މެދުވެރިކޮށް މި މަހުގެ 29 ވަނަ ދުވަހުގެ 14:00 ގެ ކުރިން އީއޯއައި ހުށަހެޅުމަށް އެޗްޑީސީން ބުންޏެވެ. އީއައިއޯ ހުށަހަޅާނީ އީމެއިލް މެދުވެރިކޮށް، business@hdc.mv އަށެވެ.
މި މަޝްރޫއު ގުޅޭ އިތުރު މައުލޫމާތު މި ކޯޕަރޭޝަންގެ ވެބްސައިޓުން https://www.hdc.mv/announcements/ ލިބެން ހުންނާނެއެވެ. އަދި business@hdc.mv އީމެއިލް މެދުވެރިކޮށްވެސް އިތުރު މައުލޫމާތު ސާފުކުރެވޭނެއެވެ.



