މޯލްޑިވްސް ޕޮލިޓެކްނިކްގެ ތަމްރީނު ޕްރޮގްރާމްތައް އަތޮޅުތެރެއަށް ފުޅާކުރަން ނިންމައިފިއެވެ.
ޕޮލިޓެކްނިކްގެ ސީއީއޯ ޒޫޝާން ކަމާލުއްދީން ވިދާޅުވީ ހަމައެކަނި މާލެ އިން ތަމްރީނު ފޯރުކޮށް ދޭނެ ފަރާތްތަށް ހޯދުމުގެ ބަދަލުގައި، މިހާރު މަސައްކަތް ކުރަމުން އަންނަނީ އަތޮޅުތެރޭގައި ތިއްބެވި ތަޖުރިބާކާރު، ޢިލްމީ ބޭފުޅުންނާ އެކު، ރާއްޖޭގެ އެކި ކަންކޮޅުތަކަށް ތަމްރީނުގެ ފުރުޞަތުތަށް ފަހިކޮށް ދިނުމަށެވެ.
އެގޮތުން، އަތޮޅުތެރެއަށް ދަތުރުކޮށް ބަލައި ހޯދުމުން ރާއްޖެއަށް ބެނުންވާ އެކި ދާއިރާތަކުން ހުނަރުވެރިންނާއި ދިމާވާކަން ފާހަގަކުރައްވާ ޒޫޝާން ވިދާޅުވީ އެފަރާތްތައް ތިބީ އެ ދާއިރާތަކުން މީހުން ބިނާކުރުމަށް ޕޮލިޓެކްނިކާ ގުޅިގެން މަސައްކަތް ކުރަން ތައްޔާރަށް ކަމަށެވެ.
”ރާއްޖޭގެ އެކި ރަށްތަކުގައިވާ ޕޮލިޓެކްނިކްގެ ކެމްޕަސްތަކަށް މާލެ އިން ބޭފުޅުން ގެނައުމުގެ ބަދަލުގައި، އެ ރަށެއްގައި ތިއްބެވި ތަޖުރިބާކާރު، އިލްމީ ބޭފުޅުން މެދުވެރިކޮށް، ރަށުގައި ތަމްރީނު ފޯރުކޮއްދިނުމުން ޚަރަދު ކުޑަވުމާއި، ރަށުގައި ވަޒީފާގެ ފުރުޞަތުތަށް އިތުރުވުމާއި، ތަމްރީނުވުމުގައި ލުއި ފަސޭހަވުން ފަދަ އެތައް ފައިދާއެއް ލިބިގެން ދާނެ.“ ޒޫޝާން ވިދާޅުވި އެވެ.
މީގެއިތުރުން ޒޫޝާން ވިދާޅުވީ މޯލްޑިވިސް ނެޝަނަލް ސްކިލްސް ޑިވެލޮޕްމަންޓް (އެމްއެންއެސްޑީއޭ) މެދުވެރިކޮށް، އަތޮޅުތެރޭގައި ތިބި އެކި ދާއިރާތަކުގެ ތަޖުރިބާކާރު، ޢިލްމީ ބޭފުޅުންނަށް ޤައުމީ ސަނަދު ހާޞިލުކޮށް، ނެޝެނަލް އެސެސަރުންގެ ގޮތުގައި ރަޖިސްޓްރީވުމުގެ ފުރުޞަތު ހުޅުވާލުމަށް ނިންމައިފައިވާ ކަމަށެވެ.




