ތ. ވޭމަންޑޫގައި ހުންނަ ފެމިލީ އެންޑް ޗިލްރެން ސެކިއުރިޓީ ސެންޓަރު (އެފްސީއެސްސީ) ގެ މުވައްޒަފަކަށް ހަމަލާދީ، ހަމަނުޖެހުން ހިންގި މައްސަލައިގައި އިޖްތިމާއީ، އަދި އާއިލީ ތަރައްގީއާ ބެހޭ ވުޒާރާގެ ޓީމެއް އެ ރަށަށް ދިއުމަށް ހަމަޖެހިފައިވާ ކަމަށް ވޭމަންޑޫ ކައުންސިކުން ބުނެފިއެވެ.
ދައުލަތުގެ ބެލުމުގެ ދަށުގައި ވޭމަންޑޫ ކުޑަކުދިން ބަލަހައްޓާ ސެންޓަރުގައި އުޅޭ ކުއްޖަކު އެތަނުގައި ހަމަނުޖެހުން ހިންގައި، ތަނުގެ ތަކެއްޗަށް ގެއްލުންދޭ މައްސަލައެއް ފެންމަތިވެފައި ވަނިކޮށް މިނިސްޓްރީން ވަނީ އިތުރު ފަސް ކުއްޖަކު އެ ރަށުގެ ކުޑަކުދިން ބަލަހައްޓާ ސެންޓަރަށް ގެނެސްފައެވެ.
މީގެސަބަބުން ހަމަނުޖެހުންތައް އިތުރަށް ގޯސްވެ، އެ ސެންޓަރުގެ ކެއާ ވޯކަރެއްގެ ބޮލުގައި ބިއްލޫރި ބޯތަށްޓަކުން އެ ކުއްޖާ ޖެހި ކަމަށާއި، އެ ތަނުގައި ހުންނަ ތަކެއްޗަށް ގެއްލުންދީ ހަދާ ކަމުގެ ތުހުމަތު ވަނީ ކުރެވިފައެވެ.
މިކަމާއި ގުޅިގެން އެރަށުގެ ރައްޔިތުން ވަނީ އެސެންޓަރުގެ ކައިރިއަށް އެއްވެ އަޑު ވެސް އުފުލާފައެވެ.
އެހެންކަމުން މިމައްސަލަ ހައްލުކުރުމަށްޓަކައި މިނިސްޓްރީގެ ޓީމެއް މާދަމާ އެރަށް ދަތުރުކުރުމަށް ހަމަޖެހިފައިވާ ކަމަށާއި މިމައްސަލައިގައި ވަކި ގޮތެއް ނިންމޭނީ އެވުޒާރާގެ ޓީމު އައިސް މަޝްވަރާކުރުމަށް ފަހު ކަމަށް ކައުންސިލުން ބުނެފައިވެއެވެ.


