އިޒްރޭލުގެ ޔަހޫދީ ސިފައިން ޣައްޒާއަށް ހުއްޓުމެއް ނެތި ދެމުންގެންދާ ހަމަލާތަކުގެ ސަބަބުން ޣައްޒާ އިތުރަށް ހާލުގައި ޖެހެމުންދާ ކަމަށާއި ކޭމްޕުތަކުން ކާބޯތަކެތި ވެސް ހުސްވަމުންދާ ކަމަށް ރިޕޯޓުތަކުން ބުނެފިއެވެ.
ޣައްޒާގެ ޖަބާލިއާއަށް އިޒްރޭލުން ހުއްޓުމެއްނެތި ހަމަލާ ދެމުންގެންދާތާ މިއަދަށް މިއީ 14 ވަނަ ދުވަހެވެ. އެތަނުގައި ހުރި އިންޑޮނޭޝިއާގެ ހޮސްޕިޓަލެއްގައި މަސައްކަތް ކުރާ ފަރާތެއް ކަމަށްވާ ކަމަލް އަދްވާން ބުނީ، އިޒްރޭލުގެ އަނިޔަވެރިކަމުގެ ސަބަބުން އަމިއްލަ ގެތަކުން ނިކުންނަން ޖެހުނު ޣައްޒާގެ ރައްޔިތުންނަށް ކާބޯތަކެތީގެ ދަތިކަން އިންތިހާއަށް ފޯރާފައިވާ ކަމަށާއި މިހާރު ހުރީ ކުރިއަށްވުރެވެސް މަދު ކާއެތިކޮޅެއް ކަމަށެވެ.
ކާބޯތަކެތީގެ ދަތިކަމުގެ އިތުރުން، އިޒްރޭލުން ދެމުންގެންދާ އުދުވާނީ ހަމަލާތަކުގެ ސަބަބުން ޣައްޒާގެ އެތައް އިމާރާތެއް ވެއްޓި، އެތައް ބަޔަކު ޝަހީދުވެ، ޒަހަމްވެސް ވެއްޖެއެވެ. ޣައްޒާގެ ސިވިލް ޑިފެންސުން ބުނީ ވެއްޓުނު އިމާރާތްތަކުގެ ދަށުވި އެތައް ބަޔަކު އަދިވެސް ސަލާމަތް ނުކުރެވި، ތާށިވެފައި ތިބި ކަމަށެވެ. އަދި ޖަބާލިއާއަށް ދިން ބޮމުގެ ހަމަލާގެ ސަބަބުން ޝަހީދުވި އެތައް ބައެއްގެ ހަށިގަނޑުވެސް އެ އިމާރާތްތަކުގެ ދަށުން ނުނެގި ތިބި ކަމަށް ވެސް ބުނެފައިވެއެވެ.
ޣައްޒާއަށް ހުއްޓުމެއް ނެތި ހަމަލާ ދެމުންގެންދާތާ މިމަހުގެ 7 ވަނަ ދުވަހު ވަނީ އަހަރެއް ވެފައެވެ. އެއް އަހަރުގެ މި މުއްދަތު ތެރޭގައި މިހާތަނަށް ޣައްޒާއިން 42،409 މީހުން ޝަހީދުވެ 99،153 މީހުން ޒަހަމްވެފައިވާ ކަމަށް ރިޕޯޓުތަކުން ދައްކައެވެ.




