ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލް އެ އެސޯސިއޭޝަންގެ ފައިސާ ބޭނުން ކޮށްގެން ހުޅުމާލޭ އަމީން އެވެނިއުއިން ގަނެފައިވާ ދެ އެޕާޓްމަންޓު އަތުލި މައްސަލަ އޭނާގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފު ކުރަން ހުށަހެޅުމުން، އެ މައްސަލަ ބަލައިނުގަންނަން އެކޯޓުން ނިންމައިފިއެވެ.
އެފްއޭއެމްގެ ޚިޔާނަތުގެ ތުހުމަތު ކުރެވޭ ބައްސާމްގެ މިލްކިއްޔާތުގައިވާ ހުޅުމާލެ އަމީން އެވެނިއުގެ 2 އެޕާޓުމަންޓު މި ހިނގާ އޮކްޓޯބަރު މަހުގެ 6ވަނަ ދުވަހުގެ ކުރިން ފުލުހުންނާއި ހަވާލު ކުރުމަށް 28 ސެޕްޓެމްބަރު 2024 ވަނަ ދުވަހު ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓުން އަމުރު ކޮށްފައިވާ ކަމަށް ފުލުހުން ކުރިން ވިދާޅުވިއެވެ. އަދި އެ ދެ އެޕާޓްމަންޓު ވެސް ފުލުހުންގެ ބެލުމުގެ ދަށަށް ގެނައުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ފުލުހުން އެއިރު ވިދާޅުވިއެވެ.
އެ އެޕާޓްމަންޓުތައް ހަވާލުކުރުމުގެ މުއްދަތު މިމަހުގެ 31 އާ ހަމައަށް އިތުރު ކޮށްދިނުމަށް އެދި ބައްސާމްގެ ފަރާތުން އޭނާގެ ވަކީލު މިމަހުގެ 6 ވަނަ ދުވަހު ވަނީ ފުލުހުންނަށް ސިޓީއެއް ފޮނުވާފައެވެ. އަދި ހާލަތަށް ރިއާޔަތްކޮށް އެފަދައިން މުއްދަތު އިތުރުކޮށް ދިނުމަށް ނިންމާފައިވާ ކަމަށް ފުލުހުން އެރޭ ޖަވާބު ދެއްވާފައިވެއެވެ.
ނަމަވެސް ފުލުހުން މިމަހުގެ 7 ވަނަ ދުވަހުގެ ރޭ ނެރުނު ބަޔާނެއްގައި ވިދާޅުވީ އިތުރަށް ދިރާސާކޮށް ބެލިބެލުމުން، އެދިފައިވާ ގޮތަށް މުއްދަތު އިތުރުކޮށްދެވެން ނެތް ކަމަށާއި އެހެންކަމުން އެ ދެ އެޕާޓްމަންޓް ހުސްކޮށް ހަވާލުކުރުމުގެ ކަންކަން ފުލުހުން ކުރިއަށް ގެންދާނެ ކަމަށެވެ.
މިމައްސަލައިގެ އެންމެ ފަހުގެ އަދާހަމަ ދެއްވަމުން ފުލުހުންގެ މީޑިއާ އޮފިޝަލަކު ހަމަ އެރޭ ވިދާޅުވީ، އެ ދެ އެޕާޓްމަންޓު ވެސް 8 އޮކްޓޯބަރު 2024 ވަނަ ދުވަހުގެ 00:00 ގައި ފުލުހުންނާ ހަވާލު ކޮށްފައިވާ ކަމަށެވެ.
ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓުގެ އަމުރު އިސްތިއުނާފްކުރަން ބައްސާމްގެ ފަރާތުން ހައި ކޯޓަށް ހުށަހެޅި މައްސަލާގައި ހައި ކޯޓުން ބުނީ މައްސަލަ ބަލައިނުގަތުމަށް ކޯޓުގެ ރަޖިސްޓްރާ ނިންމަވާ ކަމަށެވެ. ނަމަވެސް އެގޮތަށް ނިންމި ސަބަބެއް ސާފެއް ނުވެ އެވެ.




