ހުރަވީ ސްކޫލުގެ ދަރިވަރެއް ކަމުގައިވާ ފާތިމަތު ޝިމާ މުޙައްމަދު (13އ.) ކުއްލި ގޮތަކަށް މިއަދު ނިޔާވުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތަޢުޒިޔާ ދަންނަވައިފިއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު މިއަދު ވިދާޅުވީ، ހުޅުމާލޭ ހުރަވީ ސްކޫލުގައި އިން ކުއްޖަކަށް ސިއްޙީ ހާލަތެއް މެދުވެރިވެގެން ހުޅުމާލޭ ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށް މިއަދު ހެނދުނު ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ. އަދި އެކުއްޖާ ހޮސްޕިޓަލަށް ގެންދިޔައިރު ވެސް ނިޔާވެފައިވާ ކަމަށް ހޮސްޕިޓަލުން މައުލޫމާތު ދިން ކަމަަށް ވެސް ފުލުހުން ވިދާޅުވިއެވެ.
މިހިތާމަވެރި ހާދިސާއާ ގުޅިގެން ރައީސް މުޢިއްޒު މިއަދު ”އެކްސް“ ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އުމުރުން 13 އަހަރުގެ އަންހެން ދަރިވަރު ފާޠިމަތު ޝިމާ މުޙައްމަދު، ހުރަވީ ސްކޫލުގައި ތަޢުލީމު ޙާޞިލްކުރަމުން ދަނިކޮށް، ކުއްލި ގޮތަކަށް މިއަދު ނިޔާވި ޚަބަރު އެމަނިކުފާނު އަޑު އެއްސެވީ ނުހަނު ފުން އަސަރާއި ކަންބޮޑުވުމާއިއެކު ކަމަށެވެ.
”ލޮބުވެތި ދަރިވަރުގެ ބެލެނިވެރީންނަށާއި ޢާއިލާއަށް، އަދި ރަޙްމަތްތެރީންނަށާއި އެކުގައި ކިޔަވާ ކުދީންނަށް، އަދި ހުރަވީ ސްކޫލުގެ ހުރިހާ ދަރިވަރުންނަށާއި މުވައްޒަފުންނަށް ކުރިމަތިވި މި އުނދަގޫ ވަގުތުގައި ކެތްތެރިކަން މިންވަރުކޮށް ދެއްވުން އެދެމެވެ. މާތްﷲގެ ތަނަވަސް ރަޙްމަތާއި ނިޢުމަތުގައި، އެ މަޢުޞޫމް ދަރިވަރު ލެހެއްޓެވުން އެދި ކުރާ އިޚްލާޞްތެރި ދުޢާތައް ތަކުރާރުކުރަމެވެ. އާމީން.“ ރައީސް މުޢިއްޒު ވިދާޅުވިއެވެ.
إِنَّا لِلَّٰهِ وَإِنَّا إِلَيْهِ رَاجِعُونَ




1 Comment
إِنَّا لِلَّٰهِ وَإِنَّا إِلَيْهِ رَاجِعُونَ