އުރަމަތީގެ ކެންސަރަށް ހޭލުންތެރިކުރުވުމާއި، ބަލިމީހުންނަށް ފަރުވާ ދިނުމުގައި، ބޭސްފަރުވާގެ ތަޖުރިބާއާއި، ނަފްސާނީ އެހީތެރިކަމާއި، ޢާންމުންގެ ބައިވެރިވުންވެސް ހިމެނޭނެހެން، ވަށާޖެހެނިވި އުސޫލުތަކެއް ގެންގުޅުމަކީ މުހިންމު ކަމެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު ވިދާޅުވެއްޖެއެވެ.
އެކަމަނާ މިހެން ވިދާޅުވީ އުރަމަތީގެ ކެންސަރު އަވަހަށް ދެނެގަތުމަށް ހޭލުންތެރިކަން އިތުރުކުރުމަށްކުރާ ޤައުމީ މަސައްކަތުގެ ތެރެއިން ކުރިއަށް ގެންދާ، ”އުރަމަތީގެ ކެންސަރަށް ހޭލުންތެރިކުރުވުމުގެ 5 ވަނަ އަހަރީ މަހާސިންތާ“ އިފްތިތާޙްކުރުމަށް ހޮޓެލް ޖެންގައި ބުރާސްފަތި ދުވަހު ބޭއްވި ރަސްމިއްޔާތުގައި، ބައިވެރިވެވަޑައިގެން ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުންދެއްކެވި ވާހަކަފުޅުގައި، އުރަމަތީގެ ކެންސަރު ބަލީގެ ކޭސްތައް މަދު ކުރުމަށްޓަކައި، ބަލި ހުރިކަން އަވަހަށް ދެނެގަތުމަށާއި ފަރުވާގެ ދާއިރާ ފުޅާ ކުރުމަށް ބާރުއެޅުމަށް އެންމެން ގުޅިގެން މަސައްކަތްކުރަންޖެހޭކަން ފާހަގަކުރައްވައި، އުމުރުން 40 އަހަރުން މަތީގެ އަންހެނުން، ޤަވާޢިދުން މެމޯގްރާމް ހެދުމަށާއި، ބަލީގެ ޢަލާމާތެއް ހުރިތޯ އަމިއްލައަށް ބަލަންޖެހޭކަންކަން ބަލަމުން ދިއުމަށް ނުވަތަ ސެލްފް އެގްޒަމިނޭޝަން ހެދުމަށް އިލްތިމާސް ކުރެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ދެއްކެވި ވާހަކަފުޅުގައި، ރާއްޖޭގެ ވަރަށްގިނަ ރީޖަނަލް ހޮސްޕިޓަލްތަކުގައި ކީމޯތެރަޕީ ލިބެން ހުރިކަމީ، ފަރުވާގެ ފުރުޞަތު އިތުރުކުރުމުގެ ދާއިރާއިން ހޯދުނު ފާހަގަކޮށްލެވޭ ކާމިޔާބީއެއް ކަމުގައި ވިދާޅުވިއެވެ. އަދި އުރަމަތީގެ ކެންސަރުން ރައްކާތެރިވެފައިވާ މުޖުތަމަޢެއް ބިނާ ކުރުމަށް އިންދިރާގާނދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) އިން ކުރަމުންދާ މަސައްކަތްތަކާއި، އުރަމަތީގެ ކެންސަރު ބައްޔާ ގުޅިގެން ޒަމާނުއްސުރެ ފެތުރިފައި އޮންނަ ތޯތޯ، ބޯދާ ޤަބޫލުކުރުންތައް ނައްތާލައި، ހެކީގެ މައްޗަށް ބިނާ ކުރެވިފައި އޮންނަ މައުލޫމާތު ފޯރުކޮށްދިނުމަށް ކެންސަރ ސޮސައިޓީން ކުރަމުންދާ މަސައްކަތަށް އެކަމަނާ ވަނީ ތަޢުރީފް ކުރައްވާފައެވެ.
މީގެއިތުރުން ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ ވަނީ، ކެންސަރުން ރައްކާތެރިވުމަށް ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްތަކުގެ މައްޗަށް އަލިއަޅުއްވާލައްވައި، ކެންސަރު ކޮންޓްރޯލް ކުރުމުގެ ޤައުމީ ޕްލޭން 2022-2026 އާއި ބެހޭގޮތުން ވާހަކަފުޅު ދައްކަވާފައެވެ. މިމޭރުމުން ވާހަކަފުޅު ދައްކަވަމުން، ކެންސަރު ބަލީގެ މީހުންނަށް ދިމާވާ ދަތިތަކަށް ލުޔެއް ހޯދައިދިނުމަށްޓަކައި އެންމެ ޒަމާނީ ކެންސަރު ހޮސްޕިޓަލެއް ތަރައްޤީކުރެއްވުމަށް ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްތައް އެކަމަނާ ފާހަގަކުރެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވަނީ ކެންސަރު ބަލި، ޚާއްޞަކޮށް އުރަމަތީގެ ކެންސަރު ބައްޔާ ގުޅުން ހުރި ގޮންޖެހުންތައް ގިރާކުރުމަށް ހަލުއި ފިޔަވަޅުތަކެއް އެޅުމަށް އިލްތިމާސްކުރައްވާފައެވެ. އެކަމަނާ ވަނީ ކެންސަރު ބަލީގެ މީހުންނަށް އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދިނުމަށް އެއްބާރުލުން ދެއްވުމަށް ގޮވާލައްވާފައެވެ.



