ނ. މަނަދޫ އާއި ހއ. ދިއްދޫގެ ބަނދަރުގެ މަސައްކަތުގެ ބޮޑުބައި މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ނިންމައިފިއެވެ.
އެގޮތުން އެކުންފުނިން މިއަދު ބުނީ ނ. މަނަދޫ ބަނދަރުގެ ނެރު ފުންކުރުމާއި ބޭރުތޮށި ލުމުގެ މަޝްރޫޢުގެ މަސައްކަތުގެ 93 އިންސައްތަ މިހާރު ވަނީ ނިމިފައެވެ.
މަނަދޫގެ ބަނދަރުގެ ދެކުނު ކޮޅުގައި ޖެޓީ ހެދުމުގެ މަސައްކަތުގެ 70 އިންސައްތަ ވެސް މިހާރު ނިމިފައިވާ ކަމަށް އެކުންފުނިން ހާމަކޮށްފައިވެއެވެ.
މީގެއިތުރުން ދިއްދޫ ބަނދަރު ތަރައްޤީ ކުރުމާއި ޖެޓީ ހެދުމުގެ މަޝްރޫޢުގެ މަސައްކަތުގެ 87 އިންސައްތަ މިހާރު ނިމިފައިވާ ކަމަށާއި މި މަޝްރޫޢުގެ ދަށުން، މިހާރު ކުރިއަށްދަނީ ބޭރުތޮށީގެ ޕްރޮފައިލިންގ މަސައްކަތާއި ރިވެޓްމެންޓްގެ ޕްރޮފައިލިންގ މަސައްކަތްތައް އެކަނި ކަމަށް ވެސް އެމްޓީސީސީން ހާމަކޮށްފައިވެއެވެ.



