ސްޓޭަޓް އިލެކްޓްރިކަލް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) ގެ ބިޒްނަސް ސެންޓަރުގެ މަސައްކަތް މިހާރު ނިމުމަކާ ގާތް ވެއްޖެކަން މިއަދު އެކުންފުނިން ހާމަކޮށްފިއެވެ.
ސްޓެލްކޯގެ މެނޭޖިންގް ޑިރެކްޓަރ ހުސެއިން ފަހުމީ މިއަދު ”އެކްސް“ ގައި ކުރި ޕޯސްޓެއްގައި ވިދާޅުވީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ދުރު ވިސްނުންފުޅުގެ އަލީގައި ސްޓެލްކޯގެ ބިޒްނަސް ސެންޓަރުގެ މަސައްކަތް ހަލުވި ސްޕީޑުގައި ކުރިއަށް ގޮސް މިހާރު ނިމުމަކާ ގާތްވެފައިވާ ކަމަށެވެ.
ޖުމްލަ ދެ ފަންގިފިލާ ހިމެނޭ މި ސެންޓަރަކީ 7500 އަކަފޫޓުގެ އިމާރާތެކެވެ. އަދި މި ސެންޓަރު އިމާރާތް ކުރުމުގއ ބުރަ މަސައްކަތް ކުރަނީ ސްޓެލްކޯގެ ހީވާގި މުވައްފަޒުންކަން ވެސް ފަހުމީ ފާހަގަ ކުރައްވާފައިވެއެވެ.
”އަޅުގަނޑުމެންގެ ހީވާގި މުވައްޒަފުންގެ ބުރަ މަސައްކަތުގެ ސަބަބުން، މިމަސައްކަތް ބޭރުގެ ޓެންޑަރަކާއި ހަވާލު ކުރިނަމަ ހޭދަވެދާނެ 13 މިލިއަން ރުފިޔާ މިވަނީ ސަލާމަތް ކުރެވިފަ“ އެމްޑީ ފަހުމީ ވިދާޅުވިއެވެ.
މި ސެންޓަރުގައި އިންޖީނުތަކާއި، ޓްރާންސްފޯމަރުތަކާއި، ކޭބަލްތަކާއި، އަދި އިއާދަކުރަނިވި ހަކަތައަށް ބޭނުންވާ ފުރިހަމަ ހައްލުތައް ފޯރުކޮށްދޭނެ ކަމަށް ފަހުމީ ވިދާޅުވިއެވެ. މީގެ އިތުރުން، ސްޓޯރޭޖް ސިސްޓަމްތައްވެސް މި ސެންޓަރުގައި ހިމެނޭނެ ކަމަށާއި، މިއީ ދިވެހިރާއްޖެއަށް ދިމާވެދާނެ ކުއްލި ހާލަތްތަކަށް ރަނގަޅަށް ތައްޔާރުވުމަށް ކުރެވޭ ކަމެއް ކަމަ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.



