ޗައިނާ ސަރުކާރުގެ އެހީގައި ވިލިމާލޭގައި އަޅާ ތަރައްގީކުރާ 100 އެނދުގެ ޓާޝަރީ ހޮސްޕިޓަލުގެ މަސައްކަތް އަންނަ އަހަރުގެ މެދު ތެރޭގައި ފެށޭނެ ކަމަށް އިމާރާތްކުރުމާއި ބިނާރާ ބެހޭ ވަޒީރު ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވެއްޖެއެވެ.
ހޮސްޕިޓަލްގެ ފީސިބިލިޓީ ނިމުމުގެ އެއްބަސްވުމުގައި މިއަދު ސޮއިކޮށްފައިވާއިރު، ދިވެހި ސަރުކާރުގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ ވަޒީރު މުއްތަލިބެވެ. އަދި ޗައިނާ ސަރުކާރުގެ ފަރާތުން ސޮއިކޮށްފައި ވަނީ ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ވަން ލީޝިންއެވެ.
މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ވަޒީރު ވިދާޅުވީ މިއީ ޗައިނާ ސަރުކާރުގެ ހިލޭ އެހީގައި ކުރިއަށްގެންދާ މަޝްރޫއެއް ކަމަށް ނިންމާ، ޕްރޮޕޯސަލް ހުށަހެޅި، ފީސިބިލީ ހެދުމަށް ޓީމްތަކެއް އެ ގައުމުން ފޮނުވައި އެތަނުގައި ހުންނާނެ އިކުއިޕްމެންޓްސްގެ ލިސްޓްތައް ކަނޑައެޅި، ހިދުމަތްތައް ކަނޑައެޅި، މި މަޝްރޫއު ކުރިއަށްގެންދަން ބޭނުންވާ ހުރިހާ މައުލުމާތު އެއްކުރެވިފައިވާ ކަމަށެވެ.
”މި ދަތުރުތަކުގައި ވިލިމާލެ ހޮސްޕިޓަލްގެ ޕްރޮޖެކްޓް ސައިޓް ބަލައި، އައިޖީއެމްއެޗް އާއި ހުޅުމާލެ ހޮސްޕިޓަލާއި ދަރުމަވަންތަ ތަންތަން ބަލައި، އޭގެ އިތުރުން، ވަރަށް ގިނަ ފަރާތްތަކާއެކު ވަރަށް ގިނަ މަޝްވަރާތަކެއް ބޭއްވިފައިވޭ، އޭގެ ތެރެގައި ހޮސްޕިޓަލްތަކާއި މިނިސްޓްރީތަކާއި، އެކި އޮތޯރިޓީތައް ހިމެނޭ،“. އޭނާ ވިދާޅުވިއެވެ.
ދެން މި މަޝްރޫއުގައި އޮތީ ޑިޒައިން އާއި ޓެންޑަރިންގ ސްޓޭޖް ކަމަށާއި، އެ މަސައްކަތަށް ހަ މަސް ދުވަސް ނަގާނެ ކަމަށް ބެލެވޭ ކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި އޭގެ ތެރޭގައި ޕްރޮޖެކްޓް މެނޭޖްމެންޓް ކުންފުންޏެއް ޗައިނާ ސަރުކާރުން ކަނޑައަޅައި، ބޭނުންވާ ޖިއޮލޮޖިކަލް ސާވޭ އާއި ޑިޒައިން މަސައްކަތްތައްކޮށް، ސަރުކާރަށް ހުށަހެޅޭނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.
ވަޒީރު އިތުރަށް ވިދާޅުވީ ހޮސްޕިޓަލް އިމާރާތް ކުރުމުގެ މަސައްކަތް އަންނަ އަހަރު މެދު ތެރޭގައި ފެށޭނެކަމަށް ބެލެވޭ ކަމަށާއި އެއަށްފަހު ދެ އަހަރު ތެރޭގައި މަސައްކަތް އެއްކޮށް ނިންމާލެވޭނެ ކަމަށް ބެލެވޭ ކަމަށެވެ.
”މި ދެ އަހަރު ތެރޭގައި މަސައްކަތް ނިމި އަޅުގަނޑުމެންގެ އުއްމީދަކީ 2027 ވަނަ އަހަރު ތެރޭގައި މި ހޮސްޕިޓަލަކީ ރަނގަޅު ފެންވަރެއްގެ ޓާޝަރީ ހޮސްޕިޓަލެއްގެ ގޮތުގައި އެ ހިދުމަތް ލިބިގެން ދާނެ ކަމަށް،“. ވަޒީރު ވިދާޅުވިއެވެ.
ސިއްހަތާއިބެހޭ ވުޒާރާއިން މީގެ ކުރިން ހާމަކުރައްވާފައިވާ ގޮތުގައި ވިލިމާލޭގައި 100 އެނދުގެ ހޮސްޕިޓަލް ތަރައްގީ ކުރެވިގެންދާނީ ރައްޔިތުންނަށް ބޭނުންވާ ހުރިހާ ހިދުމަތްތަކެއް އެންމެ އެކަށީގެންވާ ގޮތުގައި ލިބިގެންދާ ގޮތަށެވެ.



