މާލޭގެ ފިހާރައަކުން ސިނގިރޭޓާއި ފައިސާ ވައްކަން ކުރި ތިން މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން ވަނީ މިމައްސަލަ އާއި ގުޅިގެން ހައްޔަރުކޮށްފައިވާ މީހުންގެ ވަނަވަރު އާއްމުކޮށްފައެވެ. އެގޮތުން މި މައްސަލައާއި ގުޅިގެން ހައްޔަރު ކޮށްފައި ވަނީ އުމުރުން 26 އަހަރުގެ ގދ. ވާދޫ، އަތަމާގޭ، އިހުސާން އިބްރާހިމް އާއި ހަމަ އެރަށު، އުމުރުން 46 އަހަރުގެ ލިލީގެ، މުހައްމަދު ސޮބާހު އާއި އުމުރުން 34 އަހަރުގެ ރ. އިނގުރައިދޫ، ދަނބުރުއްދަށުގޭ، އިބްރާހިމް މުހައްމަދު ރަޝީދުއެވެ.
ފުލުހުން ބުނީ އޮކްޓޯބަރު 17 ވަނަ ދުވަހުގެ ރޭ ފަތިހު 4:20 ހާއިރު، ފުލުހުން ޕެޓްރޯލް ކުރަމުން ދިޔައިރު، މާވެޔޮ މަގުގައި ހުރި ފިހާރައެއްގެ ދޮރު ހަލާކުކޮށްލައިގެން ވަދެ ވައްކަން ކޮށްފައިވާކަން ފާހަގަކުރެވުނު ކަމަށެވެ.
އެކަން ފާހަގަކުރެވުމުން އެ ސަރަހައްދުގެ ސީސީޓީވީ ފޫޓެޖްތައް ބަލާ ވައްކަން ކުރި ތިން މީހުންކަމަށް ތުހުމަތު ކުރެވޭ ތިން މީހުން ހައްޔަރުކޮށްފައިވާ ކަމަށާއި އެމީހުންގެ އަތުގައި ހުރި އެ ފިހާރައިން ވަގަށް ނެގި ކަމަށް ބެލެވޭ ފައިސާ އާއި ސިގިރޭޓު ކާޓޫނުތަކެއް ހޯދާފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ.
މިމައްސަލަ އާއި ގުޅިގެން ހައްޔަރުކުރެވުނު މީހުންގެ ބަންދާއިމެދު ގޮތެއް ކަނޑައެޅުމަށް ކޯޓަށް ހާޒިރު ކުރުމުން ކޯޓުން ވަނީ އޭހެ ތެރެއިން، އިހުސާން އިބްރާހިމް 30 ދުވަހަށް، ދެން ތިބި ދެމީހުން 15 ދުވަހަށް ބަންދު ކުރަން އަމުރު ކޮށްފައެވެ.
މިމައްސަލަ އާއި ގުޅިގެން އިތުރު ތަފްސީލު ފުލުހުން އާއްމުކޮށްފައި ނުވާއިރު، ފުލުހުން ދަނީ މިމައްސަލަ ތަހުގީގު ކުރަމުންނެވެ.



