ސަރުކާރުގެ ބޯހިޔާވަހިކަމުގެ ޕްރޮގްރާމްގެ ދަށުން އއ.ރަސްދޫގައި 50 ހައުސިން ޔުނިޓް އެޅުމުގެ މަސައްކަތް ފެށުމުގެ އެންމެހާ އިންތިޒާމުތައް ފުރިހަމަވެއްޖެކަމަށް ގެދޮރުވެރިކަމާއި ބިމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވުޒާރާއިން ބުނެފިއެވެ.
އެވުޒާރާއިން މިއަދު އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ އއ. ރަސްދޫގައި ސަރުކާރުން އިމާރާތްކުރާ 50 ހައުސިންގ ޔުނިޓު މަޝްރޫޢުގެ މަސައްކަތް ފެށުމަށް ބޭނުންވާ އެންމެހައި ސާމާނު ރަށަށް ގެންދެވިފައިވާ ކަމަށެވެ.
މަސައްކަތް ފެށުމުގެ އެންމެހައި އިންތިޒާމުތައް ފުރިހަމަކުރެވިފައިވާކަމަށް ވެސް އެވުޒާރާއިން ބުނެފައިވެއެވެ. އޭގެ ތެރޭގައި މަސައްކަތަށް ބޭނުންވާ ހިލަވެއްޔާއި ސިމެންތި އާއި ދަގަނޑުގެ އިތުރުން މެޝިނަރީ ވެސް ހިމެނެއެވެ.
އެވުޒާރާއިން ރަސްދޫގައި ތަރައްގީ ކުރުމަށް ނިންމާފައިވާ ހައުސިން ޔުނިޓްތައް އިމާރާތް ކުރުމުގެ މަޝްރޫޢު އެސްއޭ ކޮންސްޓްރަކްޝަނާ އާއި ހަވާލުކޮށް މިދިޔަ އަހަރުގެ ސެޕްޓެމްބަރު 4 ގައި ވަނީ އެއްބަސްވުމުގައި ސޮއިކޮށްފައެވެ. އެކުންފުންޏާއިއެކު ހަދާފައިވާ އެއްބަސްވުމުގެ ކަނޑައަޅާފައިވާ ގޮތުގައި މިމަސައްކަތް ފަށާތާ 9 މަސް ދުވަހުގެ ތެރޭގައި ހައުސިން ޔުނިޓުތަކުގެ މަސައްކަތް ނިންމަން ޖެހެއެވެ.
އެވުޒާރާއިން ހާމަކޮށްފައިވާ ގޮތުގައި މިމަޝްރޫއަށް 84.2 މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށާއި މިމަޝްރޫއުގެ އަމަލީ މަސައްކަތް ފެށުމުގެ ތައްޔާރީތައްވަމުން އަންނަ އިރު، މިހާރު ބައެއް ބަދަލުތައް ވެސް ގެނެވިފައިވާ ކަމަށެވެ. އެގޮތުން ކުރިން ރަށުގެ ދެ ސަރަޙައްދެއްގައި ހައުސިން ޔުނިޓްތައް އިމާރާތް ކުރުމަށް ކަނޑައަޅާފައިވާއިރު މިހާރު ހުރިހާ ޔުނިޓްތަކެއް ވެސް އިމާރާތް ކުރާނީ ރަށުގެ އެއް ސަރަޙައްދުގައެވެ.




