އެކަކު އަނެކަކަށް އެހީތެރިވުމަކީ ވަރަށް ވެސް ރަނގަޅު، އެހާމެ މާތް ސިފައެކެވެ. އަދި މިއީ އަޅުގަނޑުމެންގެ އިސްލާމްދީނުގައި ވެސް ނުހަނު ބާރު އަޅާ ކަމެކެވެ. ނަމަވެސް ހިތާމައަކީ، މިއީ މިހާރު އެކި ސަބަބުތަކާހެދި އަޅުގަނޑުމެންގެ ތެރެއިން ނެތެމުންދާ ސިފައެއް ކަމެވެ. ބައެއް މީހުން މަކަރު ހަދާ، އޮޅުވާލައިގެން އެހީތެރިކަން ހޯދާތީއެވެ. އަނެއްބައި މީހުންގެ އެފަދަ ތަނަވަސްކަމެއް އަމިއްލައަށް ވެސް ނެތުމުގެ ސަބަބުންނެވެ.
އެހީތެރިކަމަކީ ހަމައެކަނި ބަޔަކަށް ފައިސާތަކެއް ދީގެން ކުރެވޭނެ ކަމެއް ނޫނެވެ. އެކަކު އަނެކަކަށް ހެޔޮ އެދިގެން ކޮށްދޭ ކުޑަ ކަމަކުން، ނުވަތަ ބުނެލާ ކުޑަ ބަހަކުން ވެސް އެއީ އަނެކުންނަށް ވެދެވޭ ވަރަށް ބޮޑު އެހީތެރިކަމަކަށް އަދި ހިތްވަރަކަށް ވެސް ވެގެންދެއެވެ.
ފަވާޒް އިސްމާއިލް (ފަވާ) އަކީ ވެސް އެފަދަ މީހެކެވެ. އެންމެންނާވެސް އެކުވެރި، އަދި އެހާމެ މަޖާ މިޒާޖެއް ހުންނަ ފަވާ ވެދޭ އެންމެ ބޮޑު އެހީތެރިކަމަކީ، ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ދަތުރުކުރާ ފަރާތްތަކަށް އެހީތެރިވުމެވެ. އެގޮތުން ރާއްޖެއިން ބޭރަށް ގޮސް ކުރަންޖެހޭ ކަންކަމާއި އެމީހުން ގޮވައިގެން ޑޮކްޓަރަށް ދައްކަން ދިޔުން ވެސް ހިމެނެއެވެ. މިކަމަކީ އޭނާގެ މައިންބަފައިންނާއި އާއިލާގެ އެހެން މެންބަރުންނާ ވެސް އެކީ ފަވާ ކުރަމުންގެންދާ އަގުހުރި މިންނަތް މަސައްކަތެކެވެ.

”ސައުވީސް“ އަށް ދިން ޚާއްސަ ބަސްދީގަތުމެއްގައި ފަވާ ވަނީ އޭނާ މިކަން ކޮށްދޭން ފެށި ސަބަބާއި ކުރިއަށް އޮތްތަނުގައި ދެކޭ ހުވަފެންތައް ވެސް ހިއްސާ ކޮށްފައެވެ.
ކުރިންވެސް ބުނި ފަދައިން ފަވާއަކީ މަޖާ މިޒާޖެއްގެ މީހެކެވެ. އެންމެންނާ ވެސް ގުޅޭ، އެންމެންގެ އެކުވެރިއެކެވެ. އޭނާއާއެކު މީހަކު އެއް މިނެޓު މަޑުކޮށްލިޔަސް، އެމީހަކާ ވަރަށް ގާތް އެކުވެރި ގުޅުމެއް އުފެދިގެންދެއެވެ. އޭނާގެ ގިނަ އެކުވެރިން އޭނާ ފާހަގަ ކުރަނީ، އެކުގައި އުޅެން ދުވަހަކުވެސް ފޫހިނުވާނެ، އަދި އެފަދަ ދެވަނައެއް ނުވާ މަދަދުވެރިއެއް ގޮތަށެވެ. ސަބަބެއް ނެތިއެއް ނޫނެވެ. އޭނާގެ އޯގާތެރިކަމާއި އެހެންމީހުންނާ ދޭތެރޭ ބަހައްޓާ ގާތްކަމުގެ ސަބަބުންނެވެ.
ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ފުރާ މީހުންނަށް ފަވާ އެހީތެރިވާތާ މިހާރު ވަރަށް ގިނަ އަހަރުތަކެއް ވެއްޖެއެވެ. ފަވާ ބުނި ގޮތުގައި އޭނާ އެންމެ ފުރަތަމަ މިކަމަށް ހިތްޖެހެން ފެށީ 2004 ވަނަ އަހަރުއެވެ.
”އެއީ 2004 ހާހިސާބު. އިންޑިއާގެ ޓްރިވެންޑްރަމްގައި ހޮޓެލް މެނޭޖްމަންޓު ކިޔަވަން ހުއްޓާ، އެތަނަށްދާ ބައެއް ދިވެހީންނަށް ތަރުޖަމާ ކޮށްދޭން އެހީވާން ފެށީ. އެއީ ފުރަތަމަ ފެށުނު ގޮތް. ދެން 2007 ވަނަ އަހަރު މާމައާއި ކާފަގެ ބޭސްފަރުވާއަށް ޓްރިވެންޑްރަމްއަށް އާއިލާގެ ބައެއް މީހުންނާއެކީ ދިރިއުޅުން ބަދަލުކުރިން. އަމަލީ ގޮތުން ބޮޑަށް ފެށުނީ އޭގެފަހުން“ ފަވާ ކިޔައިދިނެވެ.
ކޮންމެ ކަމެއްގައި އުޅޭއިތުވެސް، ކޮންމެ މީހަކަށް ވެސް ދަތިވާނެ ނުވަތަ ހިތައް އުނދަގޫވާނެ ކަންތައްތަކަކާއި ކުރިމަތިވާނެއެވެ. އެގޮތުން ފަވާއަށް މިކަމުގައި އުޅޭއިރު އެންމެ އުނދަގޫވަނީ ނުވަތަ ހިތަށް އެންމެ އަސަރު ކުރަނީ ކޮންކަމެއްތޯ ސުވާލު ކޮށްލީމެވެ.
”އަނެއްހެން އެއްވެސް ކަމަކަށް ދައްޗެއް ނުވޭ. އެކަމަކު ދެން އެކިކަހަލަ ބަލިޖެހިފައިވާ މީހުންނާ ދިމާވާތީއާއި ބައެއް ދިވެހިން ކިޔައިދޭ އެމީހުންގެ ވާހަކަތަކުން ހިތަށް ވަރަށް އަސަރުކުރޭ. އެންމެ ބޮޑަށް ކެންސަރު ބަލީގެ މީހުން ހިއްސާ ކުރާ ވާހަކަތަކުން ވަރަށް އަސަރުކުރޭ.“ ފަވާ ބުންޏެވެ.
ބޭސްފަރުވާގެ ކަންކަމުގައި އެހެންމީހުންނަށް އެހިތެރިވެދޭން ދިރިއުޅުމުގެ ބޮޑުބައެއް ފާއިތުކޮށްލި ފަވާ ބުނިގޮތުގައި އޭނާ އެންމެ ހިތްދަތިވީ އެއް ދުވަހަކީ އޭނާގެ ލޮބުވެތި މާމަ މިދުނިޔެއާ އަލްވަދާއުކީ ދުވަހެވެ. އެއީ ހަނދާނުން ފިލުވާ ނުލެވޭނެ ދުވަހެއް ކަމުގައި ފަވާ ބުންޏެވެ.

އެހެންމީހުންނަށް އެހީތެރިކަން ފޮރުކޮށްދޭ ފަވާ އަމިއްލަ ދިރިއުޅުމަށް އެންމެ ދެކެން ބޭނުންވާ ދުވަހަކީ އޭނާގެ އަމިއްލަ ކްލިނިކެއް ހުޅުވޭނެ ދުވަހެކެވެ. ފަވާއަކީ ހިތްވަރުގަދަ ޒުވާނެއްކަމުން، އޭނާގެ މި ހުވަފެން ސިދާކުރަން ގަދައަޅައި މަސައްކަތް ކުރާނެ ކަމާމެދު އެއްވެސް ޝައްކެއް ނެތެވެ.
އެންމެންގެ މަދަދުވެރިޔާ ފަވާ ވެސް މިހާރު ހުރީ ސިއްޙީ ގޮތުން އެންމެ ފިޓުކޮށެއް ނޫނެވެ. ސައިކަލަކުން ވެއްޓި ފަޔަށް ލިބުނު އަނިޔާއެއްގެ ސަބަބުން، މާގިނަ ތަންތަނަށް ނުދެވުނު ކަމުގައިވިޔަސް، އޭނާއަށް ވެވެން އޮތްވަރަކުން އަދިވެސް މީހުންނަށް އެހީތެރިވެދެއެވެ. ފަވާ ވެދޭ އެހީގެ ބަދަލުގައި އޭނާ އެއްވެސް މީހެއްގެ އަތުން އަމިއްލައަށް އަގެއް ކިޔައިގެން އެއްޗެއް ނުހޯދައެވެ. އެކަން އޭނާ ދޫކޮށްލަނީ އޭނާ އެހީވެދޭ މީހެއްގެ އަތްމައްޗަށެވެ.
މާތް ﷲ ފަވާ ކޮށްދޭ އެކަންކަމުގައި ހެޔޮރަޙްމަތްލައްވާ، އޭނާގެ ދިރިއުޅުން އިތުރަށް ބާއްޖަވެރި ކުރައްވާށިއެވެ. އާމީން.





4 Comments
ކަލޯ ފަވާ މީހަކާ އިންނާކަށް ނޫޅެންތަ
ޢަޖާއިބުވެދާނެ. ކަލޯއަކަށް ކޮންކަމެއް.
ޫުަަައުފާވެރި ބާއްޖަވެރި ދުވަސް ތަކެއް ފަވާ އާއި ފަވާގެ އާއިލާ އަށް މިންވަރުކުރައްވާށިއެވެ އާމީން
އަބަދުވެސް ތިގޮތުގަ ބަދަލެއް ނާދޭ ވަރައް ރަގަޅު ފަވާ