ވަޒީފާ ދިން ފަރާތުގެ އިހުމާލުން މުވައްޒަފެއްގެ ފުރާނަ ގެއްލިއްޖެނަމަ، އެމުވައްޒަފެއްގެ ވާރިސުންނަށް ބަދަލުގެ ގޮތުގައި 1.4 މިލިއަނަށްވުރެ ގިނަ ރުފިޔާ ދޭންޖެހޭނެ ގޮތަށް ލޭބާ ރިލޭޝަންސް އޮތޯރިޓީން ކަނޑައަޅައިފިއެވެ.
އެއޮތޯރިޓީން އެކުލަވާފައިވާ ’މަސައްކަތުގެ މާހައުލުގެ ސަލާމަތާއި ސިއްހީ ރައްކާތެރިކަމުގެ ޤަވާއިދު‘ ގައި ކަނޑައަޅާފައިވާ ގޮތުގައި މަސައްކަތުގެ މާހައުލުގައި ނުވަތަ މަސައްކަތުގެ ސަބަބުން މީހަކަށް އަނިޔާއެއްވެ، ވަގުތީ ނުވަތަ ދާއިމީ ނުކުޅެދުންތެރިކަމެއް އެމުވައްޒަފަކަށް މެދުވެރިވެއްޖެނަމަ، ނުވަތަ ފުރާނަ ހިނގައްޖެނަމަ، ޚަރަދުތަކާއި ގެއްލުމުގެ ބަދަލު އެ މުވައްޒަފަކަށް ނުވަތަ އެ މުވައްޒަފެއްގެ ވާރިސުންނަށް ދޭންޖެހޭނެއެވެ.
މިގަވާއިދުގެ ދަށުން މިފަދަ ހާލަތެއްގައި މުވައްޒަފަކަށް ލިބުނު އަނިޔާއެއްނަމަ، ބޭސްފަރުވާގެ ހުރިހާ ޚަރަދަކާއި، އަނިޔާގެ ސަބަބުން މަސައްކަތަށް ނުނިކުމެވޭ ދުވަސްތަކުގެ އުޖޫރައާއި، އަނިޔާގެ ސަބަބުން ކުރިމަތިވި ވަގުތީ އަދި ދާއިމީ ނުކުޅެދުންތެރިކަމުގެ ބަދަލު ވެސް ދޭންޖެހޭނެއެވެ.
މީގެއިތުރުން، މަސައްކަތުގެ މާހައުލުން ލިބުނު ގެއްލުމަކުން މުވައްޒަފުގެ ފުރާނަ ގޮސްފިނަމަ، ގެއްލުމުގެ ބަދަލު އާއިލާއަށް ދޭންޖެހޭނެކަމަށް ވެސް މިގަވާއިދުގައި ބަޔާންކޮށްފައިވެއެވެ.
އެހެންނަމަވެސް އެ ބަދަލު ދިނުމުގައި މުވައްޒަފަކާ މަސައްކަތް ހަވާލުކުރި ފަރާތުން އިހުމާލުވެފައި އޮތް މިންވަރާއި މަސައްކަތްތެރިޔާގެ އުމުރާއި އޭނާގެ އުޖޫރައަށް ބަލާނެއެވެ. އެގޮތުން, ބަދަލު ދޭންޖެހޭ އެންމެ ކުޑަ އަދަދަކީ 1.46 މިލިއަން ރުފިޔާ ކަމަށާއި ބަދަލު ނަގައިދެވޭނެ އެންމެ ބޮޑު އަދަދަކީ 15.4 މިލިއަން ކަމަށް ގަވާއިދުގައިވެއެވެ.
ގަވާއިދުގައިވާ ބަޔާންކޮށްފައިވާ ގޮތުގައި މަސައްކަތް ހަވާލުކުރި ފަރާތުގެ އެއްވެސް އިހުމާލެއް ނެތި ދިމާވި ހާދިސާއެއްގެ ސަބަބުން މުވައްޒަފުގެ ފުރާނަ ހިނގައްޖެ ކަމުގައިވާނަމަ، ގެއްލުމުގެ ބަދަލެއްގެ ގޮތުގައި 50،000 ރުފިޔާ ވާރިސުންނަށް ދޭންޖެހޭނެއެވެ.
އެއޮތޯރިޓީން އާއްމުކޮށްފައިވާ ގަވާއިދުގައި އިތުރަށް ބަޔާންކޮށްފައިވާ ގޮތުގައި ވަޒީފާގެ މާހައުލުގައި މުވައްޒަފަކަށް ދާއިމީ ނުކުޅެދުންތެރިކަމެއް ދިމާވާވެއްޖެ ހާލަތުގައި އެމަސައްކަތްތެރިއަކަށް ގެއްލުމުގެ ބަދަލެއްގެ ގޮތުގައި އެންމެ ގިނަވެގެން 19 މިލިއަން ރުފިޔާ ދޭންޖެހޭނެ ކަމަށާއި މިހާލަތުގައި ދެވޭނެ އެންމެ ދަށް އަދަދަކީ އެއް މިލިއަން ރުފިޔާއެވެ. ބަދަލު ދޭންޖެހޭ އަގު ކަނޑައެޅުމުގައި މީހާގެ އުމުރާއި ނުކުޅެދުންތެރިކަމުގެ ނިސްބަތާއި އަދިވެސް އެހެން ބައެއް ކަންކަމަށް ރިއާޔަތް ކުރާނެ ކަމަށް މިގަވާއިދުގައިވެއެވެ.



