ހަމާސްގެ ލީޑަރު ޔަހްޔާ ސިންވާރް ޝަހީދުކޮށްލުމަށްފަހު ވެސް ފަލަސްތީނުގެ ޣައްޒާއަށް ދެމުންގެންދާ ހަމަލާތައް ނުހުއްޓާނެ ކަމަށާއި ހަނގުރާމަ ނިމުމަކަށް ނުގެންނާނެ ކަމަށް އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ބުނެފިއެވެ.
އިޒްރޭލުން ފަލަސްތީނުގެ ޣައްޒާއަށް ވެރިވެގަނެ، އެތަނުގެ ރައްޔިތުން ބޭރުކުރުމަށް ކުރާ ނިރުބަވެރި މަސައްކަތުގައި، ހުއްޓުމެއްނެތި ހަމަލާރައް ދެމުންގެންދާތާ މިހާރު އަހަރަކަށްވުރެ ގިނަ ދުވަސްވެއްޖެއެވެ. މިމުއްދަތުގެ ތެރޭގައި މިހާތަނަށް މިހާރުވެސް ފަލަސްތީނުގެ 42،500 އެއްހާ މީހުން ޝަހީދުވެ 99،546 މީހުން ޒަހަމްވެއްޖެއެވެ.
އިޒްރޭލުން އިއްޔެ ޣައްޒާއަށް ހަމަލާގައި ހަމާސްގެ ލީޑަރު ޔަހްޔާ ސިންވާރު ވެސް ޝަހީދުކޮށްލާފައިވާއިރު، ހަނގުރާމަތައް ހުއްޓާލައި ފަލަސްތީނުގެ ރައްޔިތުންނަށް އަމާންކަމެއް ދުވަސްކޮޅަކަށް ނަމަވެސް އިޒްރޭލުން ދޭނެ ކަމަށް ބައެއް މީހުންނަށް ހީވިއެވެ. ނަމަވެސް އެއީ ކުށްހީއެއްކަން ސާބިތުކޮށްދެމުން އިޒްރޭލުގެ ބޮޑުވަޒީރު ބުނީ ހަނގުރާމަ ނިމުމަކަށް ނުގެންނާނެ ކަމަށާއި ހަމާސް ބަލިވެއްޖެ ކަމަށެވެ.
ނަތަންޔާހޫގެ އެރަހުމެއް ނެތް ބަސްތަކަށް ރައްދު ދެމުން ހަމާސްއިން ބުނީ، އެމީހުން ވެސް ދުލެއް ނުދޭނެ ކަމަށާއި ހަނގުރާމަ ކުރުމަށް ސިންވާރް ގެންގުޅުނު ސިޔާސަތުތައް ދަމަހައްޓާނެ ކަމަށެވެ. މީގެއިތުރުން އިޒްރޭލުން ހަމަލާތައް ނުހުއްޓައިފިނަމަ ޣައްޒާގައި ހައްޔަރުކޮށްފައި ތިބި އިޒްރޭލުގެ ސިފައިން ދޫކޮށްނުލާނެ ކަމުގެ އިންޒާރު ވެސް ހަމާސް އިން ދީފައިވެއެވެ.
ޔަހްޔާ ޝަހީދުކޮށްލުމަށްފަހު އިޒްރޭލުން އިއްޔެ ވެސް ވަނީ ޣައްޒާއަށް ހަމަލާތަކެއްދީ 33 މީހުން ޝަހީދު ކޮށްލައި 90 މީހުން ޒަހަމްކޮށްލާފައެވެ. އަލް-އައުދާ ހޮސްޕިޓަލުގެ އެކްޓިންގް ޑައިރެކްޓަރ ޑރ. މުހައްމަދު ސަލްހާ ބުނީ ގާތްގަނޑަކަށް 70 އެއްހާ މީހުންނަށް މިހަމަލާގެ ސަބަބުން މިހާރު ވެސް ފަރުވާދެމުންދާ ކަމަށާއި އޭގެތެރޭގައި ގިނައީ ކުޑަކުދިންނާއި އަންހެނުން ކަމަށެވެ.



