ބޮލީވުޑްގެ ސުޕާސްޓަރ ޝަހްރުކް ޚާން އަކީ އަބަދުވެސް އޭނާގެ އާއިލާއަށް އެންމެ ފުރަތަމަ އިސްކަންދޭ އެކްޓަރެއްކަން ގިނަ ބަޔަކު ފާހަގަ ކުރެއެވެ. އެގޮތުން އޭނާގެ ކާމިޔާބީއާއި ކުރިއެރުންތަކުގެ ވާހަކަ ދައްކާއިރު، އޭނާގެ މައިންބަފައިންމަތިން އަބަދުވެސް ހަނދާން ކުރާކަން އެންމެން ވެސް ފާހަގަ ކުރެއެވެ.
”ދޭވްދާސް“، ”ކުޗްކުޗް ހޯތާ ހޭ“، ”ޑޯން“ ފަދަ ސުޕަރހިޓް ފިލުތައް ކުޅެފައިވާ ޝަހްރުކް ޚާން ދާދިފަހުން އިންޑިއާގެ ނޫހަކަށް ދިން އިންޓަވިއުއެއްގައި ބުނީ، އޭނާ ފިލްމުކުޅެނީ އޭނާގެ މައިންބަފައިންނަށްޓަކައި، އެމީހުން އޭނާއާމެދު ފަޚުރުވެރި ކުރުވަން ކަމަށެވެ.
އެގޮތުން އޭނާ ކުޅުނު މަޝްހޫރު ފިލްމު ”ދޭވްދާސް“ އަކީ އޭނާގެ މަންމައަށް ޚާއްސަ ކުރި ފިލްމެއް ކަމަށް ވެސް ބުނެފައިވެއެވެ. އެ ފިލްމު ނުކުޅެން ގިނަ ބަޔަކު ނަސޭހަތް ދިން ނަމަވެސް ފިލްމު ކުޅުނީ އެސަބަބަށްޓަކައި ކަމަށާއި ބޮޑު އަގެއް ކިޔާފައި ކުޅޭ ހުރިހާ ފިމްލެއް ވެސް ކުޅެނީ މައިންބަފައިންނަށްޓަކައި ކަމަށް ވެސް ބުންޏެވެ.
ޝާހްރުކް ޚާންގެ މައިންބަފައިން މިދުނިޔެއިން ވަކިވެގެން ދިޔައީ އޭނާ ބޮލީވުޑްގައި ހަރަކާތްތެރިވާން ފެށުމުގެ މާކުރިންނެވެ. ނަމަވެސް ފިލްމު ކުޅެގެންނާއި އުފައްދައިގެން މަޝްހޫރުވުމަކީ އޭނާ އޭގެ ކުރިންވެސް ދެކުނު ހުވަފެނެއް ކަމަށާއި އެކަން އޭނާގެ މައިންބަފައިންނަށްޓަކައި ކުރާނެ ކަމަށް ވެސް ބުނެފައިވެއެވެ.


