ފައިސާގެ ދަހިވެތިކަމުގައި ބައެއް މީހުން މީސްމީޑިއާއާއި އެހެނިހެން މަންސަތަކުގައި ވެސް، ފޭކް ޕޯސްޓު ހަދައިގެން އެހެން މީހުން ލޫޓުވަމުންދާކަން އަނެއްކާވެސް ފާހަގަވާން ފަށައިފިއެވެ.
ސިއްޙީ ގޮތުން ދިމާވާ އެކިއެކި ކަންތައްތަކުގެ ސަބަބުން ބޭސްފަރުވާއަށާއި އެނޫންވެސް ޒަރޫރީ ކަންކަމަށް މާލީގޮތުން ދަތިވެފައިވާ ފަރާތްތަކުން، މީސްމީޑިއާގައި އެކަން ހިއްސާކޮށް އެހީތެރިކަން ހޯދަމުން ދިޔުމަކީ މީގެކުރިން ވެސް ކުރަމުން އަންނަ ކަމެކެވެ. އެގޮތުން ސިއްހީ ރިޕޯޓުތަކާއެކީ ބައެއް ފަރާތްތަކުގެ ޚަބަރުތައް މީޑިއާތަކުގައި ވެސް ޖަހައި، ފުދޭވަރެއްގެ އެހީތެރިކަމެއް އެހެން މީހުންގެ ފަރާތުން ލިބެމުން ދެއެވެ.
ނަމަވެސް މިފަހަކަށް އައިސް، މިފަދައިން ފޭކް ޕޯސްޓު ހަދައިގެން ވެސް ބައެއް މީހުން ފައިސާ ހޯދަމުންދާކަން ވަނީ ފާހަގަވެފައެވެ.

އެގޮތުން ބައެއް މީހުން ބޭރުގެ އެކި ރިޕޯޓުތަކުގައި ތިބި ބަލި މީހުންގެ ނުވަތަ ކުދިންގެ ފޮޓޯ ޖަހައިގެން، އެއީ އެމީހުން ކަމަށް ނުވަތަ އެމީހުންގެ ދަރިންކަމަށް ބުނެ ނިކަމެތި ހާލު ޖެހިފައިވާ ކަމަށް ވެސް ބުނެއެވެ. އަދި އެހީއެއް ވެދިނުމަށް އާދޭސް ކޮށްފައިވެސް ވެއެވެ.

ނަމަވެސް މީސްމީޑިއާގެ ބައެއް ކުޅަދާނަ ފަރާތްތަކުން ވަނީ މިފަދަ މީހުން ހަދަނީ ދޮގުކަން ހާމަކޮށް، އެކަމުގެ ހަގީގަތް ވެސް އެހެން މީހުންނަށް ހާމަކޮށްދީފައެވެ.
މިފަދައިން ދޮގު ހަދައިގެން އެހެން މީހުން ލޫޓުވަމުންދާ ފަރާތްތަކާމެދު ގާނޫނީ ގޮތުން ފިޔަވަޅު އަޅަން ޖެހޭކަމަށް ގިނަ ބަޔަކު ގަބޫލު ކުރެއެވެ.
މިކަމާ ގުޅޭގޮތުން ”ސައުވީސް“ އިން ކުރި ސުވާލަށް ޖަވާބު ދެއްވަމުން ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވީ، އެފަދަ ޕޯސްޓުތަކަކީ ސްކޭމްއެއް ކަމަށް ބުނެ އެއްވެސް ފަރާތަކުން ރިޕޯޓުކޮށް އެކަން ސާބިތު ކުރެވިއްޖެނަމަ އެކަމާ ގުޅިގެން ފުލުހުން ފިޔަވަޅު އަޅާނެ ކަމަށާއި މީސްމީޑިއާގައި އެފަދައިން ދައުރުވާ ޕޯސްޓުތަކަކީ ސްކޭމްއެއްކަން ފުލުހުންނަށް އަމިއްލައަށް ފާހަގަވެ، ސާބިތުވާ ހިސާބުން ވެސް (އެފަދަ ފަރާތްތަކާ ދެކޮޅަށް) ފިޔަވަޅު އަޅުއްވާނެ ކަމަށެވެ. އަދި މީސްމީޑިއާއިން އެފަދަ ޕޭޖުތައް ބްލޮކް ކޮށްލާނެ ކަމަށް ވެސް ފުލުހުން ވިދާޅުވެފައިވެއެވެ.
ތިމާއަށާއި ޚާއްސަކޮށް ތިމާގެ ދަރީންގެ ނަން ބޭނުން ކޮށްގެން މިފަދައިން ދަހިވެތިކަމުގައި އެހެން މީހުން އަތުން ފައިސާ ހޯދަން އުޅުމަކީ ވަރަށް ވެސް ދަށުދަރަޖައިގެ އަދި ނާތަހުޒީބު ޢަމަލެކެވެ. އަދި މިފަދަ ވިޔާނުދާ ޢަމަލުތަކުގެ ސަބަބުން ހަގީގަތުގައި ވެސް އެހީތެރިކަމަށް ބޭނުން ޖެހިފައި ތިބޭ ފަރާތްތަކަށް އެ އެހީ ލިބުމަށް އުނދަގޫވެއެވެ.



