ހަމައެކަނި ފަތުރުވެރިކަމުގެ ދާއިރާއަށް ބެލިޔަސް ރާއްޖެއަށް އަހަރަކު ގާތްގަނޑަކަށް 4.5 ބިލިއަން ޑޮލަރު ލިބޭ ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ގަވަރުނަރު އަހުމަދު މުނައްވަރު ވިދާޅުވެއްޖެއެވެ.
ބޭރު ފައިސާގެ ރެގިއުލޭޝަނާ ގުޅޭގޮތުން މިއަދު ބޭއްވި ޕެނަލް މަޝްވަރާ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މުނައްވަރު ވިދާޅުވީ ޓޫރިޒަމް އިންޑަސްޓްރީއަށް ބަލާލިކަމުގައި ވިޔަސް (މިސާލަކަށް މިދިޔަ އަހަރު) ގާތްގަނޑަކަށް އެވަރޭޖްކޮށް 4.5 ބިލިއަން ޑޮލަރު ލިބިފައިވާ ކަމަށެވެ.
”އޭގެ ތެރެއިން ބޭންކިންގް ސިސްޓަމް ތެރެއަށް މިދިޔަ އަހަރުގެ ތެރޭގައި އިން-ފްލޯ ވެފައި މިވަނީ ގާތްގަނޑަކަށް 2.3 ބިލިއަން ޑޮލަރު. އޭގެތެރެއިން ހަމައެކަނި 10 އިންސައްތަ މާރުވަނީ. އެހެންވީމަ ބޭންކިންގް ސިސްޓަމްގެ ތެރެއިން އަސްލު ހަގީގަތުގައި މިމާރުވަނީ ވަރަށް ކުޑަ މިންވަރެއް“ ގަވަރުނަރު ވިދާޅުވިއެވެ.
މީގެއިތުރުން މުނައްވަރު ވިދާޅުވީ އެހެންކަމުން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ކާޑު ލިމިޓުތައް ދޭން ބޭނުންވާ ކަމުގައިވާނަމަ ބޭންކުތަކަށް ބޭރުފައިސާ މާރުވާން ވެސް ޖެހޭ ކަމަށެވެ.


