ރާއްޖެއަށް އެތެރެކެރި ދެ މިލިއަން ރުފިޔާގެ މަސްތުވާތަކެތި އަތުލައިގެންފިއެވެ.
ކަސްޓަމްސްއިން ހާމަކޮށްފައިވާ ގޮތުގައި މިތަކެތި އަތުލައިގަނެފައިވަނީ މިދިޔަ އަންގާރަ ދުވަހު، މެލޭޝިއާއިން ރާއްޖެއައި އިންޑިއާގެ 41 އަހަރުގެ ފިރިހެނަކާއި 38 އަހަރުގެ އަންހެނެއްގެ ލަގެޖުގައި މަސްތުވާތަކެތި ރައްކާކޮށްގެން ގެނެސްފައިވާ ކަމަށް ޝައްކުކުރެވި އެ ދެ ފަސިންޖަރުންގެ ލަގެޖް ބަލައިފާސްކުރުމުގެ ތެރޭގައި ކަމަށެވެ.
މި ދެފަސިންޖަރުންގެ ލަގެޖުން މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ ތަކެތި ފެނުމުން، އެ ތަކެތި ފުރަތަމަ މަރުހަލާގައި ކަސްޓަމްސްއިން ތަހުލީލުކުރިއިރު ހެރޮއިންއަށް ޕޮޒިޓިވް ވެފައި ވާކަމަށް ކަސްޓަމްސްއިން ބުނެފައިވެއެވެ.
މީގެއިތުރުން، ކަސްޓަމްސްއިން ބުނެފައިވާ ގޮތުގައި މިތަކެތީގެ ބަރުދަނުގައި ޕެކިންއާއެކު 2.05 ކިލޯ ހުރި ކަމަށާއި މިތަކެތީގެ މަގުމަތީ އަގަކީ 2.05 މިލިއަން ރުފިޔާކަމަށް ލަފާކުރެވޭ ކަމަށެވެ.
ކަސްޓަމްސްއިން އިތުރަށް ބުނީ މިމައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށާއި މަސްތުވާތަކެއްޗާއިއެކު ފެނުން ދެމީހުން ވެސް ފުލުހުންނާއި ހަވާލުކޮށްފައިވާ ކަމަށެވެ.
މިދެމީހުންގެ ބަންދާއިމެދު ގޮތެއް ކަނޑައެޅުމަށް ކޯޓަށް ހާޒިރު ކުރުމުން ކޯޓުން ވަނީ ދެ މީހުން ވެސް ވަނީ ތިން ދުވަހުގެ މުއްދަތަށް ބަންދު ކުރުމަށް އަމުރުކޮށްފައެވެ.




