މިދިޔަ އަހަރުގެ މާލީ މުޢާމަލާތްތަކުގެ ތެރެއިން ފިނޭންސް މިނިސްޓްރީގެ ހިސާބުތަކުގެ ތެރެއަށް ނުވައްދައިހުރި ދެ ބިލިޔަނެއްހައި ރުފިޔާ އެބަހުރި ކަމަށް ބަންޑާރަނައިބު އަހުމަދު އުޝާމް ވިދާޅުވެއްޖެއެވެ.
ރައީސް އޮފީހުގައި މިއަދު އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި ބަންޑާރަނައިބު ވިދާޅުވީ، ބަންޑާރަނައިބުގެ އޮފީހުން ބެލިބެލުމުން އެނގިފައިވަނީ ނިމިދިޔަ އަހަރު ޚަރަދުކޮށްފައި ފިނޭންސް މިނިސްޓްރީގެ ހިސާބުތަކަށް ދެ ބިލިއަނެއްހާ ރުފިޔާ ނުވައްދާހުރި މައްސަލައެއް ދިމާވެފައިވާ ކަމަށެވެ.
”އެ ދެ ބިލިއަން ރުފިޔާ މިއަހަރުގެ ބަޖެޓަށް ރިކޯޑު ކުރެވިއްޖެކަމަށް ވަނީނަމަ އެއީ ގާނޫނާ ޚިލާފު ކަމަކަށް އެބަވޭ. އެހެންވީމަ މިކަމަށް ހައްލެއް ހޯދޭތޯ އަޅުގަނޑުމެން މިމަސައްކަތް ކުރަނީ“ ބަންޑާރަނައިބު އުޝާމް ވިދާޅުވިއެވެ.
މީގެއިތުރުން އުޝާމް ވިދާޅުވީ، ސަރުކާރުން ޚަރަދުތައް ކުރަންވާނީ އެއަހަރެއްގެ ރައްޔިތުންގެ މަޖިލީހުގެ ބަޖެޓާ އެއްގޮތަށް ކަމަށް ޤާނޫނުއަސާސީގެ 90 ވަނަ މާއްދާގައި ވަރަށް ސާފުކޮށް ބަޔާންކޮށްފައިވާ ކަމަށެވެ. އަދި މަޖިލިހުން ފާސްކޮށްފައިވާ ބަޖެޓަށްވުރެ އިތުރަށް އެއްވެސް ޚަރަދެއް ކޮށްގެން ނުވާނެ ކަމަށް ގާނޫނުއަސާސީގެ 96ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ކަމަށް ވެސް ބަންޑާރަނައިބު ވިދާޅުވިއެވެ.
ބަންޑާރަނައިބު ވިދާޅުވީ މާލީ ހިސާބުތައް ބެލެހެއްޓުމުގައި މިދިޔަ ސަރުކާރުންވަނީ ޤާނޫނާ ޚިލާފަށް ޢަމަލުކޮށްފައިކަމަށާ، މިމައްސަލަ ބަލައި އަޅަންޖެހޭ ފިޔަވަޅުތައް އަޅުއްވާނެކަމަށެވެ. އަދި ކުރިއަށް އޮތްތަނުގައި މިފަދަ ކަންކަން ވިޔަ ނުދިނުމަށް ގާނޫނަށް ގެންނަންޖެހޭ އިސްލާހުވެސް ގެންނަވާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.



