މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމް.އޭ.ސީ.އެލް) އިން ”އެމް.އޭ.ސީ.އެލް ކެރިއަރ 2024“ ގެ ނަމުގައި ސްކޫލްތަކުގެ ދަރިވަރުންނަށް ހާއްސަކޮށްގެން ކެރިއަށް ގައިޑެންސް ޕްރޮގްރާމެއް މިއަދު ފަށައިފިއެވެ.
މި ޕްރޮގްރާމަކީ އެމް.އޭ.ސީ.އެލްގެ އިޖުތިމާޢީ ޒިންމާގެ ދަށުން އެމް.އޭ.ސީ.އެލްގައި ހުރި ވަޒީފާގެ ފުރުސަތުތަކަށް ސްކޫލްތަކުގެ ދަރިވަރުން ހޭލުންތެރިކުރުމުގެ ގޮތުން ކުރިއަށް ގެންދާ ހަރަކާތެކެވެ. އެގޮތުން މި ޕްރޮގްރާމްގެ ދަށުން ބޭއްވުނު ފުރަތަމަ ފެއަރ މިއަދު ކުރިއަށް ގެންގޮސްފައިވަނީ ހުޅުމާލޭ ޣާޒީ ސްކޫލްގައެވެ.
”އެމް.އޭ.ސީ.އެލް ކެރިއަރ 2024“ ގެ އަމާޒަކީ އޭވިއޭޝަން ދާއިރާގެ އިތުރުން، އެއަރޕޯޓް އޮޕަރޭޝަންސްގައި ހުރި ވަޒީފާގެ ފުރުސަތުތަކާ ގުޅޭ މައުލޫމާތު ދަރިވަރުންނަށް ފޯރުކޮށްދީ، ދަރިވަރުންނަށް އެ ކުދިންގެ މުސްތަޤުބަލާއި މެދު ވިސްނުންތެރިކަމާއެކު ނިންމުންތައް ނިންމުމަށް އެހީތެރިވުން ކަމަށް އެކުންފުނިން ބުނެފައިވެއެވެ.
މިއަދުގެ ޕްރޮގްރާމް ފެށުމުގެ ރަސްމިއްޔާތުގައި އެމް.އޭ.ސީ.އެލްގެ ސީ.އީ.އޯ އަދި މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް ޝަރީފް މުޙައްމަދު، ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ލައްމާން، ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ މުޖުތަބާ ލަތީފުގެ އިތުރުން އެމް.އޭ.ސީ.އެލްގެ އިސްވެރިން ބައިވެރިވެ ވަޑައިގެންނެވިއެވެ. އަދި ޣާޒީ ސްކޫލްގެ ފަރާތުން، އެ ސްކޫލުގެ ޕްރިންސިޕަލް ބަޝީރާ މުޙައްމަދު އާއި ސްކޫލްގެ އިސްބޭފުޅުން ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

މި ޕްރޮގްރާމް ފެށުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެމް.އޭ.ސީ.އެލްގެ ސީ.އީ.އޯ އަދި މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް ޝަރީފް މުޙައްމަދު ވިދާޅުވީ ޓެކްނިކަލް ގޮތުން ގާބިލު ދިވެހިން ބިނާކުރުމަކީ އެމް.އޭ.ސީ.އެލްގެ އަމާޒެއް ކަމަށެވެ. އަދި ސްކޫލް މަރުހަލާ ނިންމާ ދަރިވަރުންނަށް އެމް.އޭ.ސީ.އެލް ފަދަ ކުންފުންޏަކުން ހުޅުވިފައިވާ ފުރުސަތުތައް އެނގުމަކީ މުހިންމު ކަމެއް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ. އެހެން ގިނަ އެއަރޕޯޓުތަކާއި ހިލާފަށް ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓަކީ ވަކި ރަށެއްގައި ހިންގާ އެއަރޕޯޓެއްކަން ފާހަގަ ކުރައްވަމުން އެމް.ޑީ ވިދާޅުވީ މި ރަށަކީ އެއަރޕޯޓް އޮޕަރޭޝަންސްގެ އިތުރަށް ވަރަށް ގިނަ މުނިސިޕަލް ޚިދުމަތްތަކާއި އެހެނިހެން ދާއިރާތަކެއްވެސް ހުރި ތަނެއް ކަމަށެވެ. އެހެންކަމުން އެމް.އޭ.ސީ.އެލް އަކީ ގިނަ އިންޑަސްޓްރީތަކެއްގައި މަސައްކަތް ކުރުމުގެ މަގު ފަހިވެފައި އޮތް ކުންފުންޏެއް ކަމަށާއި، ކުންފުނީގެ ހުރިހާ ވަޒީފާއެއްގައި ދިވެހިން މަސައްކަތް ކުރަމުންދާތަން ފެނުމަކީ އުއްމީދު ކުރައްވާ ކަމެއް ކަމަށް އެމް.ޑީ ވިދާޅުވިއެވެ.
”އެމް.އޭ.ސީ.އެލް ކެރިއަރ 2024“ ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޣާޒީ ސްކޫލްގެ ޕްރިންސިޕަލް ބަޝީރާ މުޙައްމަދު ވިދާޅުވީ ދަރިވަރުން ސްކޫލް ނިންމާއިރު އެކުދިންނަށް ވަޒީފާގެ ބާޒާރުގައި ހުރި ފުރުސަތުތައް އެނގިގެން ދިއުމަކީ މުހިންމުކަމެއް ކަމަށެވެ. އަދި ސްކޫލްތަކާއި މުޖުތަމައުއާއި ދެމެދު އޮންނަ ގުޅުމަކީ ވަރަށް މުހިންމު ގުޅުމެއް ކަމަށާއި އެމް.އޭ.ސީ.އެލް ކަހަލަ ބޮޑު ކުންފުންޏަކުން މިފަދަ ހަރަކާތެއް ބޭއްވުމަކީ އެ ކުންފުނިން ގައުމު ބިނާކުރުމަށް ކުރާ މަސައްކަތް ދައްކުވައިދޭ ކަމެއް ކަމަށެވެ. މީގެ އިތުރުން ޕްރިންސިޕަލް ބަޝީރާ ވަނީ މި ފަދަ ފުރުސަތެއް ދަރިވަރުންނަށް ފޯރުކޮށްދިނީތީ އެމް.އޭ.ސީ.އެލްގެ މެނޭޖްމަންޓަށާއި މުވައްޒަފުންނަށް ޝުކުރުއަދާކޮށްފައެވެ.
”އެމް.އޭ.ސީ.އެލް ކެރިއަރ 2024“ ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ 2 ސެޝަނަކަށް ބަހާލައިގެންނެވެ. އަދި ކޮންމެ ސެޝަންއެއްގައި ލަކީޑްރޯއެއް ނެގުމަށް ވަނީ ހަމަޖެހިފައެވެ. މި ލަކީޑްރޯއިން ހޮވޭ 20 ދަރިވަރުންނަށް އެމް.އޭ.ސީ.އެލްގެ މަސައްކަތްތައް ގާތުން ބަލާލުމުގެ ފުރުސަތު ލިބިގެން ދާނެއެވެ. އަދި ފެއަރ ކުރިޔަށްދާ ވަގުތު ގުރުއަތުން ހޮވޭ 10 ދަރިވަރަކަށް ހަދިޔާ ލިބިގެން ދާނެއެވެ.



